28 May 2012, 14:53
ޒަކާތާ ބެހޭ ބިލްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި ރައްޔިތުން މަޖިލީހަށް ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާއިދު މުސާ އަންވަރު ހަސަން މިއަދު ވިދާޅުވީ ޒަކާތާ ބެހޭ ބިލް ޓްރާފްޓް ކުރުމަށް ފަހު ރައީސް އޮފީހަށް ފޮނުވުމުން ރައީސް އޮފީހުން ކުރަން ޖެހޭ މަސައްކަތްތައް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން މަޖިލީސް ހުޅުވުމާ އެކު އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
"އެޓާނީ ޖެނެރަލްގެ ލަފަޔާ އެކު އެ ބިލްގެ މަސައްކަތް މިހާރު ވާނީ ނިމިފައި. ދެން ޖެހޭނީ އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން،" އަންވަރު ވިދާޅުވި އެވެ.
ޒަކާތާ ބެހޭ އުސޫލަކެއް ކަނޑައަޅާފައިވާ އެ ބިލް ގާނޫނަކަށް ވުމުން ޒަކާތާ ބެހޭ މަޖިލީހަކާއި ޒަކާތާ ބެހޭ ކަންކަމުގައި ލަފާ ދިނުމަށް ހަތަރު މެންބަރުން ހިމެނޭ ޝަރީއާ އެޑްވައިޒަރީ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށް ބިލުގައި ބުނާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ ބިލް ގާނޫނަކަށް ވުމުން ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރުމަށް ސެންޓްރަލް ބޭންކްގައި އިސްލާމިކް މިނިސްޓްރީން ވިލަރެސްކުރާ، ޒަކާތާ ބެހޭ ހާއްސަ އެކައުންޓެއް އުފައްދަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.