ހަނގުރާމައިގާ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގި ކަމުގެ ކުށުގެ ދައުވާ ބަންގުލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ސިޔާސީ ޕާޓީގެ ދެ ވެރިއެއްގެ މައްޗަށް އުފުލައިފި އެވެ.

ބަންގުލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީ ޖަމާތޭ އިސްްލާމީގެ ވެރިޔާ މަތީއުއް ރަހުމާނު ނިޒާމީ އާއި އޭނާގެ އެއް ނައިބު އަބުދުލް ގާދިރު މޯލާގެ މައްޗަށް އިއްޔެ ދައުވާ އުފުލާފައި ވަނީ ޕާކިސްތާނުގެ އަތް ދަށުން މިނިވަން ވުމަށް ބަންގުލަދޭޝްއިން ކުރި ހަނގުރާމައިގާ ގަތުލު އާއްމު ހިންގުމާއި އިންސާނިއްޔަތާ ހިލާފު އެހެން ކުށްތައް ހިންގި ކަމުގެ ދައުވާ އެވެ.

އެސޯސިއޭޓެޓް ޕްރެސް ބުނީ އެ ދެ ބޭފުޅުންނާ ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ބޭނުމަށް ކޮށްފައިވާ ދައުވާއެއް ކަމަށް ޖަމާއަތޭ އިސްލާމީ ޕާޓީން ބުނާ ކަމަށެވެ. ނަމަވެސް ބަންގަލަދޭޝް ސަރުކާރުން ވަނީ ޖަމާއަތޭ އިސްލާމީގެ އެ ތުހުމަތާ ދެކޮޅު ހަދާފަ އެވެ.

ކުރިން އިރުމަތީ ޕާކިސްތާނުގެ ގޮތުގައި އޮތް ބަންގްލަދޭޝްއަށް ޕާކިސްތާނުގެ އަތްދަށުން މިނިވަންކަން ލިބުނީ 1971 ވަނަ އަހަރު ކުރި ނުވަ މަސްދުވަހުގެ ހަނގުރާމައަކަށް ފަހުގަ އެވެ.

ބަންގުލަދޭޝުން ބުނާ ގޮތުގައި އެހަނގުރާމައިގާ ޕާކިސްތާނު ސިފައިންގެ އެހީގައި ބަނގުލަދޭޝްގެ ހަނގުރާމަވެރި ޖަމާއަތްތަކުން ތިން މިލިޔަން މީހުން މަރާލާފައި ވެއެވެ. އަދި 200،000 އަންހެނުން ރޭޕްކޮށް އެތައް މިލިޔަން މީހުންނެއް އެ މީހުންގެ ގެދޮރުން ނެރެ ފައްސާލާފައި ވެއެވެ.