11 Aug 2010, 19:33
12:30
ހިއުމަން ރައިޓްސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށް، ބަހުސް ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
މާދަމާ ހެދުނު 10:30 ގައި ފަށާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފުރަތަމަ އެޖެންޑާކޮށްފައި ވަނީ، ވެސް އެ ދެ ކޮމިޝަނަށް މެންބަރުން އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތައް ދިރާސާކުރެއްވުމަށް ހޮއްވެވި ހަތް މެންބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓް ހުށަހެޅުމެވެ.
އެއަށް ފަހު، ސިވިލް ސާވިސް ގާނޫނުގެ ދަށުން، އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލި ފުރުސަތުގައި، އެކަމަށް ކުރިމަތިލެއްވި 26 ނަން ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓް ހުށަހެޅުން އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުންޏެވެ.
ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ ހުރިހާ ބާރެއް ރައްޔިތުންގެ މަޖިލީހަށް ލިބިދީފައި ވަނީ، ސިވިލްސާވިސް ކޮމިޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ގެނައި އިސްލާހަކާ ގުޅިގެނެވެ. ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފުރަތަމަ އެ އިސްލާހް ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުއްވާލުމާ ގުޅިގެން އެ އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް ޖުމްލަ އަޣްލަބިއްޔަތަށްވުރެ ވެސް މަތިން އެ އިސްލާހު މަޖިލީހުން ފާސްކުރުމުން ރައީސް އެ އިސްލާހް ތަސްދީގު ކުރެއްވި އެވެ. އެ އިސްލާހްގައި ބުނަނީ، ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް އިއްލާން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށެވެ. އަދި އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށާއި، އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މެންބަރެއް ނުވަތަ މެންބަރުންތަކެއް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް ވެސް އެ އިސްލާހްގައި ބުނެ އެވެ.
މިފަހަރު ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރޭގައި، މިހާރުވެސް އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވި، ފަސްބޭފުޅުން ކަމަށްވާ ޑރ.މުހައްމަދު ލަތީފާއި ޑރ.އަބްދުލް މުހުސިން މުހައްމަދާއި މުހައްމަދު ފަހުމީ ހަސަނާއި ޒަކަރިޔާ ހުސެއިންގެ އިތުރުން ހަދީޖާ އާދަމް ހިމެނިވަޑައިގަންނަވަ އެވެ. އަދި ސިވިލް ސާވިސް އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ނާއިބު އަބުދުﷲ މަޖީދުވެސް ހިމެނިވަޑައިގަންނަވަ އެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން، އެ ކޮމިޝަންގެ މެންބަރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އަށް ބޭފުޅެއްގެ ނަން ވަނީ ފޮނުއްވައިފަ އެވެ. އެ އަށް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، މިހާރު ވެސް އެކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި މ. މާހުރާ އަހްމަދު ސަލީމާއި، މ. ހުކުރަދިގޭ މަރްޔަމް ޢަޛްރާ އަޙްމަދުގެ އިތުރުން، މ. މޫންޑްރޮޕްސް މުޙަންމަދު ވަޙީދާއި ގ. ރަތްމިނާ ފާޠިމަތު ނާހިދު ޝާކިރާއި މއ. ފޮސީތިއާ މަރްޔަމް ޝެނިންއާއި ހ. އައްޑޫގެ އަޙްމަދު ތޮލާލާއި ޅ. ހިންނަވަރު ދޭލިޔާއާގެ ޖީހާން މަޙްމޫދުގެ އިތުރުން ހ. މެލައިމް ޢާއިޝަތު އާނިޔާ އެވެ.