15 Jan 2024, 08:54
އުނދަގޫ މެޗަކަށް ފަހު އޮސްޓްރޭލިއަން އޯޕަންގެ ދެވަނަ ބުރުން އެންމެ ފަހުގެ ފިރިހެން ޗެމްޕިއަން ނޯވަކް ޖޯކޮވިޗް ޖާގަ ހޯދައިފިއެވެ.
މި ފަހަރުގެ މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ޖޯކޮވިޗް ދެވަނަ ބުރުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި ކޮލިފައިން ކުޅެގެން މުބާރާތުން ޖާގަ ހޯދާފައިވާ ކްރޮއޭޝިއާގެ ޑީނޯ ޕްރިޒްމިޗާ ބައްދަލުކޮށް ތިން ސެޓު އެއް ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
އުމުރުން 18 އަހަރުގެ ޕްރިޒްމިޗާ ދެކޮޅަށް ޖޯކޮވިޗް ކުޅުނު މެޗު ވެގެން ގޮސްފައިވަނީ އުމުރުން 36 އަހަރުގެ ޖޯކޮވިޗްގެ ކެރިއަރުގައި ގްރޭން ސްލޭމް މުބާރާތެއްގެ ފުރަތަމަ ބުރުގައި އޭނާ ކުޅުނު އެންމެ ގިނައިރަށް ދެމިގެން ދިޔަ މެޗަށެވެ. މެޗު ހަތަރު ގަޑިއިރާއި އެއް މިނެޓަށް ދެމިގެންދިޔައެވެ.
ފުރަތަމަ ސެޓު ފަސޭހަކަމާ އެކު 6-2 އިން ޖޯކޮވިޗް ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓު ވެގެންދިޔައީ ޖޯކޮވިޗަށް އެހާ ފަސޭހަ ސެޓަކަށް ނޫނެވެ. އެ ސެޓު ވަނީ ޓައި ބްރޭކަކަށް ގޮސް 5-7 އިން ޕްރިޒްމިޗް ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓު ޖޯކޮވިޗް 6-3އިން ކާމިޔާބު ކުރިއިރު ފަހު ސެޓް އޭނާ ކާމިޔާބު ކުރީ 6-4 އިންނެވެ.
ގްރޭން ސްލޭމް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ލިބިގެންދިޔަ ފުރަތަމަ ފަހަރު ކުޑައިރު އޭނާއަށް އެންމެ މަޤުބޫލު ކުޅުންތެރިޔާއާ ދެކޮޅަށް ޕްރިޒްމިޗް ވަނީ މޮޅު ކުޅުމެއް ދައްކައި ޖޯކޮވިޗް ސިއްސުވާލައިފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ވަނީ ޕްރިޒްމިޗަށް ތައުރީފުކޮށް ވާހަކަ ދައްކައިފައެވެ. މިގޮތުން ޕްރިޒްމިޗްގެ ގައިގައި މޮޅު ކުޅުންތެރިއަކަށް ވުމަށް ބޭނުންވާ ހުނަރު އެބަހުރި ކަމަށާއި އޭނާއަށް ކުރިއަށް އޮތް ތަނުގައި އިތުރަށް ކުޅުން ރަނގަޅުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ޖޮކޮވިޗު ބުންޏެވެ. އަދި، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހިތްވަރު އެލުވައިނުލާ ކުޅުމަކީ އޭނާއަށް ވަރަށް ފާހަގަވި ކަމެއް ކަމަށް ވެސް ޖޯކޮވިޗް ބުންޏެވެ.
މުބާރާތުގެ ދެވަނަ ބުރުން މުބާރާތުގައި ފަސްވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވް ވެސް ވަނީ ޖާގަ ހޯދައިފައެވެ. އޭނާ ދެވަނަ ބުރުން ޖާގަ ހޯދީ ބްރެޒިލްގެ ތިއާގޯ ސޭބޮތު ވައިލްޑާ ބައްދަލުކޮށް ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެއީ، 7-5، 6-4، 3-6، 4-6 އަދި ފަހު ސެޓު ޓައި ބްރޭކަކަށް ގޮސް 10-6 އިންނެވެ.