28 May 2012, 14:33
ކޯޓުގައި މައްސަލަ އޮތް ނަމަވެސް ކުށް ސާބިތުނުވާހާ ހިނދަކު ހިންނަ ހާލިދު (ހިންނަ) ވަޒީފާ ދެއްވުމަކީ މައްސަލައެއް އޮތްކަމެއް ކަމަށް ނުދެކޭ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލައެއް ކޯޓުގައި އޮއްވައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީކަމުގެ މަގާމު ހިންނަ އަށް ދެއްވުމުން މީޑިޔާގައި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާ މިއަދު ވިދާޅުވީ ހިންނަ އަށް ރައީސް އޮފީހުން މަގާމެއް ދެއްވުމަކީ އެއްވެސް މައްސަލައެއް އޮތްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ހިންނަ ކުށްވެރިވާކަމަށް ކޯޓުން ހުކުމެއް ކޮށްފައިނުވާ ކަމަށެވެ.
"ގާނޫނު އަސާސީ ބުނާ ގޮތުން މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު އޮތުމަކުން އެމީހާ ކުށްވެރިއެއް ނުވޭ. އެހެންކަމަށް ވާނަމަ ހިންނާ ހާލިދު މަގާމަށް އައްޔަން ކުރުމަކީ ސަރުކާރުން ގަބޫލެއް ނުކުރޭ އެކަން ކުރައްވާފައިވަނީ ގާނޫނާއި ފުށުއަރާކަމެއްގެ ގޮތަގައި ކަމަކަށް. ކޮންމެ ބޭފުޅަކަށް ވެސް ކޮންމެ ބޭފުޅެއްގެ މައްޗަށް ޝަކުވާ އެއް ކުރެވިދާނެ އެ ޝަކުވާ ކުރާ ހިނދެއްގައި އެ މައްސަލަ ބެލެމުން ދާނެ،" އައްބާސް ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވީ އޭސީސީން މައްސަލައެއް ބެލުން ނުވަތަ ޝަރުއީ ކޯޓެއްގައި މީހެއްގެ މައްސަލަ ބެލުމަކީ އެމީހަކަށް ވަޒީފާ ނުދެވޭނެ ކަމަށް ރާއްޖޭގައި ގާނޫނުތަކުގައި ބުނެފައި ނުވާކަމަށާއި ޝަރުއީ ކޯޓަކުން ހިންނަގެ މައްސަލައާ ގުޅިގެން ވަޒީފާ ނުދިނުމަށް ވަގުތީ އަމުރެއް ނެރުނު ނަމަ އެކަމަށް ސަރުކާރުން އިހުތިރާމު ކުރާނެ ކަމަށެވެ.
"އޭސީސީން [މައްސަލަ އެއް ބެލުމަކީ] ހުކުމް ކުރާ ތަނެއްގެ ގޮތުގައި ރައްޔިތުންނަށް ސިފަވެގެން ނުވާނެ. އޭސީސީން ރާއްޖޭގައި ހިން ގާ ކޮރެޕްޝަނުގެ މައްސަލަ ބައްލަވާނީ. ކޯޓްތަކުން ހުކުމް ކަނޑައަޅާނީ އެހެންވީމަ ކޯޓެއްގެ ހުކުމެއް ނެތީސް މީހަކު ކުށްވެރި ކުރުމަކީ އެއީ އެމީހެއްގެ އަސާސީ ހައްގަކުން އެމީހަކު މަހުރޫމްކުރުމަށް ކުރެވޭ މަސައްކަތެއް. އެއީ ވަރަށް ބޭއިންސާފެއް ކަމަށް ސަރުކާރުން ދެކެނީ،" އައްބާސް ވިދާޅުވި އެވެ.
ހިންނަ މީގެކުރިން މާލޭ ސިޓީ ކައުންސިލުގެ ޒިންމާދުރު ވެރިޔާގެ މަގާމުގައި ހުންވެއިރު މާލޭ ސިޓީކައުންސިލްގެ (ކުރީގެ މާލޭ މުނިސިޕަލްޓީގެ) ޒިންމާދާރު އިސްވެރިޔާގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި އިތުރު ގަޑީގެ ފައިސާ ހޯއްދަވަން މަސައްކަތް ކުރައްވާފައިވާ މައްސަލައެއް އޭސީސީން ޕީޖީއަށް ހުށަހެޅުމުން އެ މައްސަލަ ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ.
އެއީ ހިންނަ 2010 ވަނަ އަހަރު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް އިރު އިތުރު ގަޑީގެ ހާޒިރީ ފޮތް ހޮސްޕިޓަލަށް ގެނުވައިގެން 2009 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2010 ގެ ޖުލައި މަހު އޭނާ އެންމެ ފަހުން އޮފީހަށް ވަޑައިގަތް ދުވަހާ ހަމައަށް އެއްފަހަރާ އިތުރުގަޑި ލިޔުއްވައި ސޮއިކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.