14 Jan 2024, 16:35
އިޓާލިއަން ސެރީއާގައި ތާވަލުގެ އެއްވަނައިގައި އޮތް އިންޓާ މިލާނުން މޮންޒާ ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މޮންޒާގެ ދަނޑުގައި ކުޅުނު މި މެޗު އިންޓާއިން ކާމިޔާބު ކޮށްފައިވަނީ 5-1 އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު އިންޓާއިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހަކާން ޗަލަނޮގްލޫއެވެ. އަދި، މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އިންޓާއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒްއެވެ.
މެޗުގައި އިންޓާއިން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ޗަލަނޮގްލޫއެވެ. މެޗުގައި މޮންޒާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މެޓިއޯ ޕެސީނާއެވެ. މެޗުގައި އިންޓާގެ ހަތަރުވަނަ ލަނޑު އިންޓާއަށް މި މެޗުގައި ލިބުނު ދެވަނަ ޕެނަލްޓީން ކާމިޔާބު ކޮށްދިނީ މާޓިނޭޒްއެވެ. އަދި، ފަހު ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖަހައިދިނީ މާކަސް ތުރާމެވެ.
މި ނަތީޖާއާ އެކު އިންޓާ މިހާރު އޮތީ ކުޅުނު 20 މެޗުން ލިބިފައިވާ 51 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައެވެ.