މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ޓަކައި އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި މީރާގެ ބޯޑުން ހުސްވެފައިވާ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ޓަކައި މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންނަކީ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 13 މެންބަރުންގެ ނަންތައް ދިރާސާ ކުރެއްވުމަށް ފަހު ހުށަހަޅާފައިވާ ފަސް ނަންފުޅު ކަމަށެވެ.

މީރާގެ ބޯޑަށް ބޭފުޅަކު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަންފުޅުތަކަކީ ގދ. މަޑަވެލީ ގަހާ، އަހުމަދު މުނައްވަރާއި މ. ނަރުގިސްމާގެއާގޭ އައިޝަތު އަރޫޝާ އާއި ހ. މަޑިވަރުފާ، ފާތިމަތު ސުޖާތާ ހަލީމާއި ސ. ހުޅުދޫ ވާރުގެ، ޢާޠިރާ އަލީ އާއި ލ. މާވަށު އަސްރަފީހިޔާ، އަހުމަދު ފާއިޒު މުހައްމަދެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސް އޮފީހުން ފޮނުވި ސިޓީގައި އެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދިނުމަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާނެ ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ނިންމަވައި ދިނުމަށް އެދިފައިވެ އެވެ.

މީރާގެ ބޯޑުން ހުސްވެފައިވާ މަގާމަކީ ކުރިން އެބޯޑުގައި ހިމެނިވަޑައިގެންނެވި މެންބަރު އައްބާސް އާދިލް ރިޒާ އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމެކެވެ.