28 May 2012, 13:35
ފަހަކަށް އައިސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިހުރު ހެދުމުގެ ހަރަކާތްތަކެއް ދައްކަމުން ގެންދާ ކަމަށާއި އެކަންކަން ހުއްޓުވައި އަދަބު ދިނުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.
އެ ޕާޓީން ބޭއްވި ނޫސްވެރިނަށް މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމެއްގައި ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓުން ފަހަކަށް އައިސް ހިންގާ ހަރަކާތްތަކުގައި ސިހުރު ހެދުމުގެ ހަރަކާތްތަށް ދައްކުވައިދޭ ކަންތައްތަކެއް ފެންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެކަމަކީ މާތްﷲ މަނާކޮށް، ނަހީ ކުރައްވާފައިވާ ކަންތަކުގެ ތެރެއިން އެންމެ ބޮޑު އެއްކަންތައް ކަމަށާއި އެމްޑީޕީގެ އެ ހަރަކާތްތައް ހުއްޓުވައިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
"އެމްޑީޕީގެ އެކްޓިވިސްޓުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ސިހުރު ހެދުމުގެ ކަންތައްތައްކެއް ވަރަށް މައްޗަށް އެބަ ދައްކާ! އެހެން ކަމުން އަޅުގަނޑު ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަން އެކަންތައްތައް ތަހުގީގުކޮށް ދެވެންހުރި އަދަބެއްދީ އެކަން ހުއްޓުވައިދިނުމަށް،" ދީނީ އިލްމުވެރިޔާ ވިދާޅުވި އެވެ.
އެއީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ކިބައިގައި ބިރުވެރިކަމަކާއި ފިތުނަވެރިކަމާއި ފަސާދަ އުފެދި ރާއްޖޭގެ އިގްތިސާދަށް ވެސް އެކަމުގެ ނުބައި އަސަރުކުރުން ގާތް ކަމަށް އިމްރާން ވިދާޅުވިި އެވެ.
"މިކަމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް ހާއްސަކޮށް މިހާރަކަށް އައިސް އެމްޑީޕީން ހިންގާ ކޮންމެ ހަރަކާތެއްގައި މިފަދަ ކަންތައްތައް ކުރަމުން އެބަދޭ" އޭނާ ވިދާޅުވި އެވެ.
މިބައްދަލުވުމުގައި އިސްލާމިކް މިނިސްޓާ މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޝަހީމް ވިދާޅުވީ އެމްޑީޕީން މިހާރު ހިންގާ ހަރަކާތްތަކުގައި ހާލާއި ކާޅު ބޭނުންކޮށް، ދުން އަރުވާ، އެފަދަ އަމަލުތަށް ހިންގާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށާއި މިކަމުގެ ސަބަބުން ކުޑަކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހަދާ ކޮންމެ ސިހުރަކީ ކާމިޔާބު ވާނެ އެއްޗެއް ނޫން ކަމަށާއި ފިރުއައުނު ކަނޑަށް ޣަރަގު ވެގެން ދިޔައީ ހެދި ސިހުރު އޭނާއަށް ޖެހިގެން ކަމަށެވެ. ސިޔާސީ ސިހުރު ޖެހެނީ އެ ސިހުރެއް ހަދާ މީހަކަށް ކަމަށް ސިފަވާ ގޮތަށް ވެސް މިނިސްޓަރު ވާހަކަފުޅު ދެއްކެވި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމަށްފަހު އެމްޑީޕީގެ ހަރަކާތްތައް ހިންގީ ލޮނު ޒިޔާރަތްކޮޅުގައި ގާއިމް ކުރި ކޭމްޕްތަކުގަ އެވެ. ނަމަވެސް މާޗް 19 ވަނަ ދުވަހު ސިފައިންނާއި ފުލުހުން އެ ކޭމްތަކަށް ވަދެގަނެ ކޭމްޕްތައް ރޫޅައިލިފަހުން އުސް ފަސްގަނޑުގައި އެމްޑީޕީން ފަށާފައިވާ ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި ސިހުރު ހާހޫރައަށް ސިފަވާ ގޮތަށް ބައެއް ކަހަލަ ހަރަކާތްތައް ދައްކުވާދީފައިވެ އެވެ. އެގޮތުން ކުކުޅު ހާލަށާށައި ކާޅަށް ތަވީދު ކާންދިނުމާއި އުސްފަސްގަނޑުގެ ބައެއް ގަސް ގަހުގައި އަކަ ކުރަހާއި އެލުވުމާއި ދުން އެރުވުން ފަދަ ބައެއް ކަންކަން ވަނީ ދައްކުވައިދީފަ އެވެ. އަދި އެސަ ރަހައްދުގައި އެމްޑީޕީން ފާލަމެއް އެޅުމުން އެއީ ކަނޑަށް މާދައްކަން އެޅި ފާލަމެއް ކަމަށާއި އުސްފަސްގަނޑުގައި ސިހުރުގެ ހަރަކާތްތަކެއް ހިންގާ ކަމަށް ބުނާ އަޑުތައްވެސް ވަނީ ފެތުރިފަ އެވެ.