28 May 2012, 12:57
އަންނަ މަހު ޔޫކްރޭނާއި ޕޮލެންޑްގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފްރާންސް ނިކުންނާނީ ފުރަތަމަ މެޗުގައި އިނގިރޭސީންގެ އަތް ދަށު ނުވުމަށް ކަމަށް ފްރާންސްގެ ކޯޗް ލޯރެން ބްލޮންކް ބުނެފި އެވެ.
އިނގިރޭސީންނާ ދެކޮޅަށް ފްރާންސް މެޗް ކުޅޭނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.
ކޯޗް ބްލޮންކް ބުނީ، މިފަހަރުގެ މުބާރާތުގައި ފްރާންސް ފަޅީގައި ހިމެނޭ ޓީމް ތަކަކީ ވަރަގަދަ ޓީމްތަކެއް ކަމަށާއި އެހެން ނަމަވެސް ޖެހިލުންވާވަރުގެ ޓީމެއް ގްރޫޕް ނުހިމެނޭ ކަމަށެވެ. ފުޓްބޯޅައަކީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލު ކޮށްލެވޭނެ ކުޅިވަރެއް ކަމަށާއި އެހެންކަމުން މުބާރާތުގެ ފުރަތަމަ މެޗަށް އިނގިރޭސީންނާ ދެކޮޅަށް ނިކުންނާނީ ހިތް ވަރާއެކު ކަމަށެވެ.
"އަހެރެން ބޭނުމެއް ނޫން ފުރަތަމަ މެޗުގައި އިނގިރޭސީންގެ އަތް ދަށު ވާކަށް. އިނގިރޭސީން ނަކީ މޮޅު ފުޓްބޯޅައެއް ކުޅެމުން އަންނަ ގައުމެއް. އަހަރުމުން އެ މެޗަށް ތައްޔާރުވާނީ ވަރަށް ދުރާލާ" ލޯރެން ބްލޮންކް ބުންޏެވެ.
ބްލޮންކް ބުނީ، މިފަހަރުގެ މުބާރާތުގައި ފްރާންސްއިން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމާމެދު ސުވާލު ނުއުފައްދާ ކަމަށާއި ފްރާންސްގެ ފުރަތަމަ ޓާގެޓަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުން ކަމަށެވެ.
"އަހަރެންގެ ޓީމުގައި މޮޅެތި ކުޅުންތެރިންތަކެއް އެބަތިބި. މުބާރާތުގައި ވާދަކުރުމަށް ފްރާންސްއަށް ޖާގަ ލިބުނީ ވެސް ކުޅުންތެރިންގެ ބުރަ މަސައްކަތުން. މުބާރާތުގެ ވަނައެއް ހޯދާނީ ވެސް ކުޅުންތެރިން. އެކަން ކުރުމަށް ކުޅުންތެރިން ވަރަށް މަސައްކަތް ކުރަންޖެހޭ. އަހަރުމެން އޮތީ ފަސޭހަ ގްރޫޕެއްގައެއް ނޫން" ބޮލެންކް ބުންޏެވެ.
މިފަހަރުގެ ޔޫރޯ މުބާރާތަށް ފްރާންސް އިން އެކުލަވާލި ސްކޮޑުގައި ޖުމްލަ 26 ކުޅުންތެރިން ތިބި ނަމަވެސް މާދަމާގެ ވަގުތެއްގައި އެ އަދަދު 23 ކުޅުންތެރިން ނަށް މަދުވެގެން ދާނެ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.
މުބާރާތުގައި ފްރާންސް ވާދަކުރަނީ ގްރޫޕް ޑީ ފަޅިންނެވެ. އަދި ފްރާންސްއާ އެކު މިގްރޫޕްގައި ދެން ހިމެނޭ ޓީމް ތަކަކީ ޔޫކްރޭނާއި، ސްވިޑަން އަދި އިނގިރޭސިވިލާތެވެ.