ސަރުކާރުގެ އިސް ނެގުމާއެކު ސިޔާސީ ޕާޓީތައް އެކުވެގެން ފެށި މަޝަވަރާތަކަށް ކުރިމަތިވެފައި ހުރި ހުރަސްތައް ގިރާ ކުރެވިފައިވާ ކަމަށް އޯލްޕާޓީ ޓޯކްސްގެ މޮޑަރޭޓާ އަހުމަދު މުޖުތަބާ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އޮފީސް އެކުވެނި، ވެލާނާގޭގައި ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މުޖުތަބާ ވިދާޅުވީ އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ އެޖެންޑާއެއްގެ ތަރުތީބަށް އެއްބަސްވެ އަދި މަޝްވަރާތަކުގައި ގިނަ ވަގުތު ހޭދަކުރަން ޕާޓީތައް އެއްބަސްވުމުން މަޝްވަރާކުރުމުގެ ރޫހެއް ޕާޓީތަކުގައި އޮތްކަން ދޭހަކޮށްދޭ ކަމަށެވެ. އަދި ވިދާޅުވީ މަޝްވަރާތައް ކުރިޔަށް ގެންދަން ދެން ފަސޭހަވެގެންދާނެ ކަމަށެވެ.

"ޕާޓީތަކުގެ ރޫގު ރަނގަޅުވި ކަމުގެ ނިޝާނެއް ކަމަށް އަޅުގަނޑު ބަލަނީ އެޖެންޑާއެއްގެ ތަރުތީބަށް އެއްބަސްވެވުން، އަޅުގަނޑު އުންމީދު މި ކުރަނީ ވާހަކަތަކައިގެން ކުރިއަށް ދިޔުމަށް ދެން ފަސޭހަވާނެ ކަމަށް، މިވަގުތަކު އެއްވެސް ހުރަހެއް ނެތް. މިހާތަނަށް ނުވަ ޖަލްސާއެއް ބޭއްވިގެން އަޅުގަނޑުމެންނަށް މި އާދެވުނީ މަޝްވަރާކުރާނެ ކަންތައްތަކުގެ ތަރުތީބަކަށް، އެހެންވެ މި ހިސާބުން އަޅުގަނޑަށް ގަބޫލު މި ކުރެވެނީ މިހާރު ހުރި އެންމެހާ ހުރަސްތައް ކަޑަތު ކުރެވިއްޖެ ކަމަށް،" މުޖުތަބާ ވިދާޅުވި އެވެ.

އޯލްޕާޓީ ޓޯކްސްގެ ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހަށް ޝެޑިއުލް ކޮށްފައިވާކަން މުޖުތަބާ މިއަދު އިއުލާންކުރެއްވި އެވެ. ވިދާޅުވީ އެ ބައްދަލުވުން އޮންނާނީ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން)ގެ ރިސޯޓް ރަށް ބަނޑޮހުގެ ކޮންވެންޝަން ސެންޓަރުގައި ކަމަށެވެ. ބުރާސްފަތި ދުވަހު ހަވީރު ފަށާ ބައްދަލުވުންތައް ހޮނިހިރު ދުވަހާއި ހަމައަށް ބަނޑޮހުގައި ކުރިއަށް ގެންދަން ރާވާފައިވާ ކަމަށާއި ޕާޓީތަކުން އެ ގޮތަށް އެއްބަސްވެފައިވާ ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.

"އެގޮތަށް ޖަލްސާތައް ބާއްވަން ނިންމީ ޕާޓީތައް ގިނަ ވަގުތު ހޭދަކޮށްގެން އެއް މާހައުލެއްގައި ތިބެގެން ވާހަކަތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުން، އެއީ ކޮންމެހެން ތަން ބަދަލު ކުރަން ކުރި ކަމެއް ނޫން، އެއީ މިކަމާއި ވިސްނުމަށް، މިކަމަށް ވަގުތު ނަގަން ތަންދިނީ،" މުޖުތަބާ ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޕާޓީތަކުން ވަނީ އެޖެންޑާގައި ހިމަނާނެ ހަ ނުކުތާއަކަށް އިއްތިފާގުވެފަ އެވެ. އެގޮތުން ފުރަތަމަ މަޝްވަރާ ކުރުމަށް އެއްބަސްވީ ރާއްޖޭގައި ހިންގާ ހަމަނުޖެހުންތައް ހައްލު ކުރާށެވެ. އެންމެ ފަހުން މަޝްވަރާކުރަން އެއްބަސްވީ ރިޔާސީ އިންތިހާބެއް ބާއްވާނެ ތާރީހަކަށެވެ.

އެންމެ އިސްކަމެއް ދީގެން މޝްވަރާ ކުރަން އެއްބަސްވި ނުކުތާތަކަކީ ބަޖެޓްގެ ހާލަތާއި މިނިވަން މުއައްސަސާތަކުގެ މަގާމުތައް ބަދަލުކުރުމާއި އިސްލާހު ކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކުރުމަށާއި އަލަށް އެކުލަވާލަންޖެހޭ ގާނޫނުތަކާ ގަވާއިދުތަކަށެވެ.

އޯލް ޕާޓީ ޓޯކްސްގެ ބައްދަލުވުންތައް ކުރިއަށް ނުގެންދެވި ލަސްވެފައި ވަނީ އެންމެ ފުރަތަމަ ވެސް އަވަސް އިންތިހާބެއް ބޭއްވުމާމެދު އެމްޑީޕީން މަޝްވަރާކުރަން ބޭނުންވުމުންނެވެ. ނަމަވެސް އެމްޑީޕީން ފަހުން ވަނީ ގިނަ ޕާޓީތަކަށް އެއްބަސްވާ ގޮތަކަށް އެޖެންޑާ ތަރުތީބު ކުރަން ދޫދީފަ އެވެ.