13 Jan 2024, 15:41
އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ކުޑަ ގައުމަކަށް ވިޔަސް ބޭރުގެ ބޮޑެތި ގައުމަތަކަށް ނުރަނގަޅު ނުފޫޒު ނުފޯރުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހުގައި ރައީސް މުއިއްޒު މިއަދު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.
ޗައިނާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ވިދާޅުވީ އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށެވެ. އަދި، އެ ކަނޑުގައި ރާއްޖޭގެ ހިއްސާ ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ މި ކަނޑުގައި، ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް އެކްސްކްލޫސިވް އިކޮނަމިކް ޒޯން ވަރަށް ބޮޑު، ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހިރާއްޖެ،" ރައީސް ވިދާޅުވިއެވެ
"ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ މި ކަނޑު ނިސްބަތްވާ ވަށައިލެވިފައިވާ ހުރިހާ ގައުމުތަކަކަށް ވެސް ނިސްބަތްވާ ކަނޑެއް،"

ރައީސް ޑރ. މުޙައްމަަދު މުއިއްޒު ޗައިނާގައި، އެ ގައުމުގެ ރައީސް ޝި ޖިންޕިންއާ ބައްދަލުކުރެއްވުން: ރައީސް މިއަދު ވަނީ ރާއްޖެ - ޗައިނާ ގުޅުމަށް ތައުރީފު ކުރައްވާފައި -- ފޮޓޯ/ ޒިންހުއާ
އެ މަނިކުފާނު އެފަދައިން ވިދާޅުވެފައިވާއިރު، އިންޑިއާއިން އަންނަނީ އެ ގައުމުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކެމްޕޭނެއް ކުރަމުންނެވެ. އަދި، އިންޑިއާގެ ބެކްޔާޑުގައި އޮތް ގައުމެއް ގޮތުގައި ރާއްޖެ ސިފަކުރާ ކުރުމަށް އިޝާރާތްކުރައްވާ އެ މަނިކުފާނު ނުސީދާ ގޮތެއްގައި ވިދާޅުވީ، ރާއްޖެއަކީ އެއްވެސް ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެ - ޗައިނާ ގުޅުމުގެ މައިގަނޑު އެއް އަސާސަކީ 'ނޯ އިންޓަފިއަރެންސް އިން އިންޓާނަލް މެޓާސް' ކަމަށެވެ. އެގޮތުން، ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކަށް ޗައިނާއިން ނުފޫޒު ނުފޯރުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެއަށް ފަހުގައި ނުސީދާ ގޮތެއްގައި އިންޑިއާއަށް އިޝާރާތްކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ނިމުނު ސަރުކާރުގައި 'އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީނދެވެނީ' ވަކި ގައުމެއްގެ ރުހުން ހޯދައިގެން ކަމަށެވެ. އެކަމަކު، ދިވެހީން މިހާރު އެގޮތް ބޭނުންނުވާ ކަމަށާއި އެއް ގައުމު އަނެއް ގައުމުގައި ހިނގާ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ، މުހައްމަދު މުއިއްޒު: އެ މަނިކުފާނު ވަނީ އެއްވެސް ގައުމަކުން ރާއްޖޭގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް
"ކުރީގައި ދާދި ފަހަކާ ޖެހެންދެން ފެނުނީ، މިދިޔަ ސަރުކާރުގައި ދުވަސްވަރު ކަންނޭނގެ އެއްގޮނޑިން އިށީނދެ އަނެއް ގޮނޑީގައި އިށީނދެވެނީ ވެސް ވަކި ގައުމެއްގެ ކިބައިގެން ހުއްދަ ހޯދައިގެން. އެގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ނުރަނގަޅު ގޮތް އެއީކީއެއް ދެ ގައުމުގެ ދޭތެރޭގަައި ގުޅުން ބޭއްވުމުގައި އޮންނަންޖެހޭ ހަމައެއް ނޫން،"
ނުސީދާ ގޮތެއްގައި އިންޑިއާއަށް ފާޑު ވިދާޅުވެފައިވާއިރު، މި ފަހުން އިންޑިއާއިން ލަކްޝަދްވީޕުގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމާ އެކު ސަރުކާރުގެ ނައިބު ވަޒީރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރި މައްސަލައެއްގައި ދެ ގައުމުގެ ގުޅުމަށް ވަނީ އަސަރުކޮށްފައެވެ.