ޕާކިސްތާނުގެ ރައީސް އާސިފު އަލީ ޒަރުދާރީއާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ރޯދަމް ކްލިންޓަން މިދިޔަ ހަފުތާފައި ބޭއްވެވި ބައްދަލުވުމުގައި ޒަރުދާރީ ވިދާޅުވެފައި ވަނީ ބައިބައިވެފައިވާ ޕާކިސްތާނުގެ ސިޔާސީ ޕާޓީތައް އެއްގަލަކަށް އަރުވަން ދަތި ކަމަށެވެ. އެ ސަބަބާހެދި ހައްދުފަހަނައަޅާފައިވާ އެ ގައުމުގެ ޖަމާއަތްތަކާ ހަނގުރާމަ ކުރުމަށް ދަތިވެފައިވާ ކަމަށް ވެސް އޭނާއާ ހަވާލާދީ އެމެރިކާގެ ނިއުޔޯކްޓައިމްސް ލިޔުނެވެ. އެ ނޫހުގައި ވާގޮތުން ޗިކާގޯގައި ބޭއްވި އެއްބައްދަލުވުމުގައި ހިލަރީ ކްލިންޓަންއަށް ކުރެއްވުނުހާ ވެސް ކަމަކީ ޒަރުދާރީގެ ވާހަކަފުޅާ ރުހިވަޑައި ނުގަންނަވާ ކަަން މޫނުފުޅު މަތިން ދެއްކެވުމެވެ.

"މި ގްރޫޕްތައް ކޮންޓްރޯލް ކުރާނެ ވަސީލަތްތަކެއް އަޅުގަނޑުމެން އަތަކު ނެތް،" ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތް ކުރައްވައި ޒަރުދާރީ ވިދާޅުވެފައި ވެއެވެ.

ނޭޓޯއިން ޕާކިސްތާނަށް ދިން ވައިގެ ހަމަލާ ތަކަށް އެމެރިކާއާއި ނޭޓޯއިން މައާފަށް އެދިފައި ނުވުމަކީ ވެސް މަޝްރަހު ރަނގަޅުކުރުމަށް އެޅިފައިވާ ހުރަހެއް ކަމަށް ކްލިންޓަން އަރިހުގައި ޒަރުދާރީ ވިދާޅުވި އެވެ.

"މިދިޔަ ނޮވެމްބަރު މަހު ނޭޓޯއިން ދިން ވައިގެ ހަމަލާއެއްގައި ޕާކިސްތާނުގެ 24 ސިފައިން މަރުވި ހާދިސާއާ ގުޅިގެން ތިޔަބޭފުޅުން މައާފަށް އެދިވަޑައިގެންފައި ނުވާތީ އަޅުގަނޑުމެން މިވަނީ [ޕާކިސްތާނުގައި] ކަނަކަށް ލެވި [އެކަހެރި ކުރެވިފައި]" ޒަރުދާރީ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

އެމެރިކާއާ ޕާކިސްތާނާ ދެމެދު އޮތް ނުތަނަވަސް ކަމުގެ ހަގީގީ ސަބަބު ޒަރުދާރީ ވަރަށް ސާފުކޮށް ވިދާޅުވުމުން ވެސް ހިލަރީގެ ވާހަކަ ފުޅުގައި އެކަމަށް އެއްވެސް އިޝާރާތެއް ކުރައްވާފައެއް ނުވެއެވެ. ވިދާޅުވެފައި ވަނީ ޕާކިސްތާނަށާއި އެގައުމުގެ އަވަށްޓެރި ގައުމުތަކުގެ ސަލާމަތަށް ނުރައްކާކުރާ ޖަމާއަތްތަކުގެ ބާރު ކަނޑުވާލަން އޮތް ހަމައެކަނި ގޮތަކީ ސިޔާސީ ގޮތުން އެގައުމު އެއްބައިވަންތަ ކުރުން ކަމަށެވެ. ހިލަރީގެ އެވާހަކަފުޅަކީ ޕާކިސްތާނު ސަރުކާރާ މެދު ރައީސް އޮބާމާގެ ސަރުކާރުން ހިތް ހަމަ ނުޖެހޭ ކަން ވެސް ދޭހަކޮށްދޭ ވާހަކަ ފުޅެކެވެ.

ޕާކިސްތާނުން ޑިމާންޑްކޮށްފައިވާ ކަންތަކަށް އެމެރިކާއިން އިޖާބަދީފައި ނުވާއިރު ޕާކިސްތާނު ސަރުކާރަށް ވެސް ގޮތް ދޫކުރެވޭކަށް ނެތެވެ. ވައިގެ ހަމަލާގެ ހާދިސާގެ މައްސަލައިގާ އެމެރިކާއިން މައާފަށް ނޭދެނީސް ޕާކިސްތާނު ތެރެއިން ލާފައި ނޭޓޯ ސިފައިންނަށް ސަޕްލައި ގެންދިއުމުގެ މަަސައްކަތް އަލުން ފަށަން ހުއްދަ ދެވޭކަށް ނެތެވެ. އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ ސިޔާސީ ގޮތުން ޕާކިސްތާނު ސަރުކާރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ އެވެ. އިންތިހާބު ކައިރި ވަމުން އަންނާތީ ޕާކިސްތާނު ސަރުކާރުން އެކަމާ ކުރިމަތިލާކަށް ބޭނުމެއް ނުވެއެވެ.

އެހެން ކަމުން އެމެރިކާއާ އަލުން ގުޅުން ރަނގަޅުކުރުމަށް ޕާކިސްތާން ސަރުކާރު ވަނީ ނުކުޅެދިފައެވެ. އެއީ އަމިއްލަ ގައުމުގައި ތާއީދު ދަމަހައްޓަން ޖެހޭތީއެވެ. އަނެއް ކޮޅުން އެކަމުގައި ރައީސް އޮބާމާގެ ސަރުކާރަށް ވެސް ދުލެއް ދެވޭކަށް ނެތެވެ. އެގައުމުގައި ވެސް އިންތިހާބު ކައިރިވަމުން އަންނާތީ އެވެ.