13 Jan 2024, 09:29
އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
ހަމަލާތައް ދޭން ފަށައިފައިވަނީ ރަތް ކަނޑުން ޔަހޫދީންގެ ރަށްތަކަށް ދަތުކުރާ އާގުބޯޓުތަކަށް ޙޫޘީން ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާއިން އެ ޙަމަލާތައް ދޭން ފަށައިފައިވަނީ އެ ޤައުމުގެ ރައީސް ޖޯ ބައިޑެންގެ ޢަމުރުފުޅަށެވެ. އެ ހަމަލާތަކަކީ އެމެރިކާގެ އަމިއްލަ ދިފާއުގައި ދޭ ހަމަލާތަކެއް ކަމަށާއި، ކަނޑު އުޅަނދުތަކަށް މިނިވަންކަމާއެކު ދަތުރުކުރަން ހުރަސްއަޅައި ހަމަލާތައް ދިނުން ބަލައިނުގަންނާނެކަން މި ހަމަލާތަކުން ސާފުވާންޖެހޭނެ ކަމަށް ބައިޑެން ވިދާޅުވިއެވެ.
އެމެރިކާއިން ހަމަލާތައް ދެނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއާއި ބަޙްރެއިންނާއި ކެނެޑާއާއި ނެދަލޭންޑްސްގެ ތާއީދާ އެކުގައެވެ.
ރަތް ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ މަނަވަރުތައް ބޭނުންކޮށްގެން 100 އަށް ވުރެ ގިނަ ހަމަލާ ޔަމަނަށް ވަނީ ދީފައެވެ. އިއްޔެ ދޭން ފެށި ހަމަލާތައް މެދުކަނޑައިލުމަށް ފަހު މިއަދު އަނެއްކާ ވެސް ވަނީ ހަމަލާތައް ދޭން ފަށައިފައެވެ.
ރަތް ކަނޑުން އިސްރާއީލުގެ ރަށްތަކަށް ދަތުރުކުރަމުންދާ އާގުބޯޓުތަކަށް އަމާޒުކޮށް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 27 ހަމަލާ ޙޫޘީން ދީފައިވެއެވެ. އަދި، ރަތް ކަނޑުން ދަތުރުކުރާ ބޯޓުތަކަށް ޙޫޘީން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެމެރިކާ އިސްވެ ޑިސެމްބަރު 19 ވަނަ ދުވަހު ވަނީ އަސްކަރީ އިއްތިހާދެއް އެކުލަވައިލައިފައެވެ.