އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން އައިސްލެންޑާ ދެކޮޅަށް ފްރާންސް ރޭ ކުޅުނު މެޗުން މޮޅުވެއްޖެ އެވެ. ފްރާންސްއިން މިމެޗް ކާމިޔާބުރީ ފަހަތުން އަރައި 3-2 ލަނޑުން ނެވެ.

މެޗުގެ ފުރަތަމަ ލަނޑު އައިސްލެންޑުން ޖެހީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި މިޑްފީލްޑަރު ސަންޔާ ބާކްރީ އެވެ. އަދި އެޓީމުގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފޯވާޑް ސިގްތޮރޮސޮން އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު، ދެ ގޯލުގެ ލީޑަކާއެކު މެޗުގެ ކޮންޓްރޯލް އޮތީ އައިސްލެންޑު އަތުގަ އެވެ.

އެހެން ނަމަވެސް ދެ ވަނަ ހާފުގެ ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި ފްރާންސްގެ ފުރަތަމަ ގޯލް އައިސްލޭންޑުގެ ކޮޅަށް ޖަހާ މެޗުގެ އުންމީދު އެޓީމަށް ގެނެސްދިނީ ޑިފެންޑަރު މެތިއު ޑެބިއުޝީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި ފްރާންސްއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މެޗުގެ ފަހު ހަ މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ފްރެކް ރިބެރީ އެވެ. އަދި އައިސްލެންޑު އަތުން ޕްރާންސް މޮޅުވި ލަނޑު އެޓީމުން ޖެހީ މެޗުގެ ފަހު ހަތަރު މިނެޓުގެ ތެރޭގަ އެވެ.

އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް ވާދަކުރަނީ ގްރޫޕް ޑީ ފަޅިންނެވެ. އަދި ފްރާންސްއާ އެކު މިގްރޫޕްގައި ދެން ހިމެނޭ ޓީމް ތަކަކީ ޔޫކްރޭނާއި، ސްވިޑަން އަދި އިނގިރޭސިވިލާތެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން 11 ވަނަ ދުވަހު ފްރާންސް ނިކުންނާނީ އިނގިރޭސިވިލާތާ ދެކޮޅަށެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފްރާންސް ކުރިމަތިލާއިރު، އެގައުމު ވަނީ މިމުބާރާތް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައެވެ. އެއީ 1984 ވަނަ އަހަރު އެންމެ ފަހުގެ ޗެމްޕިއަން ސްޕައިން އަތުން 2-0 ލަނޑުން މޮޅުވިފަހަރާއި 2000 ވަނަ އަހަރު އިޓަލީ އަތުން 2-1 ލަނޑުން މޮޅުވި ފަހަރު އެވެ.