13 Jan 2024, 06:24
ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާންގެ ފަރާތުން ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޕަރުވީން ބާބީގެ ހަނދާނުގައި ހާއްސަ ޓްރިބިއުޓެއް ދީފިއެވެ.
ޕާކިސްތާނަށް ނިސްބަތްވާ ފެޝަން އެޖެންސީ މިއުސްގެ އެންމެ ފަހުގެ ކަލެކްޝަން މެދުވެރިކޮށް މާހިރާ ބޭނުންވީ ކުރީގެ ބަތަލާ ޕަރުވީން ހެދުން އެޅިގޮތް ދައްކުވައިދޭ ފަދަ ޑިޒައިނެއް ތަޢާރަފުކުރުމަށެވެ.
މި ކަލެކްޝަންގެ ފޮޓޯ ޝޫޓްގެ ވީޑިއޯއެއް އަމިއްލަ އިންސްޓަގްރާމްގައި ހިއްސާ ކުރަމުން މާހިރާ ބުނީ އެންމެ ފުރަތަމަ ޕަރުވީން ބާބީއާ ބެހޭ މައުލޫމާތު ހޯދަން ޝައުގުވެރިކަން އުފެދުނީ މަޝްހޫރު ޓައިމް މެގަޒިންގެ ބޭރު ގަނޑުގައި ޕަރުވީންގެ ފޮޓޯއެއް ހުއްޓާ ފެނުމުން ކަމަށެވެ. އޭގެ ފަހުން ޕަރުވީންގެ ގިނަ ފިލްމުތައް ބެލި ކަމަށާއި ފިލްމު "ނަމަކް ހަލާލް"ގެ މަޝްހޫރު ލަވަ 'ޖަވާނެ ޖާނެ މަން، ހަސީން ދިލް ރުބާ' އަކީ މާހިރާއަށް ވަރަށް ކަމުދާ ލަވައެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ މާހިރާ ޚާން އަދި ޝާހް ރުކް ޚާން ފިލްމު "ރައީސް"ގެ މަންޒަރެއްގައި-- ފޮޓޯ/ އިންޓަނެޓް
ކުރީގެ ވަރަށް ގިނަ ފިލްމުތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދި ބަތަލާ އަކީ ރީތިކަމުގެ މިސާލެއް ކަމަށާއި އެ ދުވަސްވަރުގެ ސްޓައިލް އައިކަން ކަމަށް މާހިރާ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އެހާ މަގުބޫލު ބަތަލާއެއްގެ ސްޓައިލް އަންގައިދޭ ކަލެކްޝަނެއް ތަޢާރަފުކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ޕަރުވީނު ފަދަ ފިލްމީ ތަރިއެއް ހެދުން އެޅިގޮތަށް އެ ސްޓައިލް އަނބުރާ ތައާރަފު ކުރުމަކީ ފަސޭހަ ޒިންމާއެއް ނޫން ކަމަށް ބޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވާ ބަތަލާ ވަނީ ބުނެފައެވެ.
ޝާހްރުކް ޚާންއާ އެކު ފިލްމު "ރައީސް"އިން މާހިރާ ބޮލީވުޑަށް ތަޢާރަފުވި ނަމަވެސް އިތުރު ބޮލީވުޑް ފިލްމެއް ކުޅެފައެއް ނުވެއެވެ.