ޅ. ހިންނަވަރު ކައުންސިލާ ގުޅޭ މައްސަލައެއް ތަހުގީގު ކުރުމަށް އެ ރަށަށް ދިޔަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމަށް އެ ރަށު ކައުންސިލުން އެއްބާރުލުން ދީފައި ނުވާ ކަމަށް ބުނެ ފުލުހުން މެދުވެރިކޮށް ކައުންސިލަރުން ތަހުގީގަށް ހާޒިރުކުރަން ޖެހިދާނެ ކަމަށް އޭސީސީން ބުނެފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ހިންނަވަރު ކައުންސިލާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހުގީގަށް ކައުންސިލަރުންގެ ބަޔާންތައް ނަގަން އެދުމުން އެބޭފުޅުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށާއި ޗިޓު ފޮނުވައިގެން ވެސް ކައުންސިލަރުން ތަހުގީގަށް ހާޒިރު ނުވެއްޖެ ނަމަ ފުލުހުން މެދުވެރިކޮށް އެބޭފުޅުން ތަހުގީގަށް ހާޒިރު ކުރައްވާނެ ކަމަށެވެ.

"[ފުރަތަމަ އަނގަބަހުން] ދަންނަވާލީމާ ހާޒިރުނުވާ ބޭފުޅުންނަށް ޗިޓެއް މި ފޮނުވަނީ. ޗިޓަށް ހާޒިރުނުވެއްޖެ ނަމަ ދެން ޖެހޭނީ ޕޮލިސް ސާވިސް މެދުވެރިކޮށް ގެންނަން،" ލުތުފީ ވިދާޅުވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހިންނަވަރު ކައުންސިލާ ގުޅިގެން ހުށަހެޅިފައި ވަނީ ކޮރަޕްޝަންގެ ކޮން މައްސަލައެއްތޯ ދެންނެވުމުން ލުތުފީ ވިދާޅުވީ ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކަށް ވާތީ އެކަން ހާމަކުރެވެން ނެތްކަމަށެވެ.

އޭނާ ވިދާޅުވީ އެ ރަށު ކައުންސިލް އިދާރާގައި އޭސީސީގެ ތަހުގީގު ޓީމުން ހަރަކާތްތެރިވަމުން ދަނިކޮށް އެތަން ހުޅުވާފައި ބެހެއްޓޭނީ އެއް ގަޑިއިރަށް ކަމަށް ވިދާޅުވެ، އިންވެސްޓިގޭޓަރުން އިދާރާ އިން ނެރެ އެތަން ބަންދުކުރި ކަމަށެވެ. އަދި ވިދާޅުވީ އެ އިދާރާގެ ބައެއް ލިޔެކިޔުންތަކުގެ ފޮޓޯ ކޮޕީ ނަގަން އެދުމުން އެކަން ވެސް ކުރެވޭނީ ފައިސާ ދިނުމުން ކަމަށް ވިދާޅުވެ ފޮޓޯ ކޮޕީ ވެސް ނަގާދީފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އޮފީސް ހުޅުވައިދިނީ ވެސް ގަޑިއެއްހާއިރަށް. ގަޑިޖެހުނީމާ އޮފީހުން ނުކުންނަން އެންގީ. ކަރަންޓާއި ފެނަށް ލާރި ދައްކަން ޖެހޭ ހިސާބަށް ދިޔަ. ފޮޓޯ ކޮޕީ ވެސް ނަގައި ނުދޭ. އެއަށް ވެސް ޗާޖު ކުރާނަމޭ ބުނި،" ލުތުފީ ވިދާޅުވި އެވެ.