28 May 2012, 11:53
ގާނޫނާ ގަވާއިދާ ހިލާފަށް އަމަލުކުރާ ކައުންސިލްތަކާމެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކައުންސިލްތަކާއިމެދު މީގެ ކުރިން ފިޔަވަޅު ނާޅަނީ ކައުންސިލްތައް ހިންގުމުގައި އަމަލުކުރަން ޖެހޭ ގަވާއިދުތައް ނެހެދި އޮތުމުން ކަމަށެވެ. ގަވާއިދުތައް ހެދި އަމަލުކުރަން ފެށުމާއެކު ކައުންސިލްތަކުން ގަވާއިދާ ހިލާފަށް ކުރާ ކަންކަމަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.
"ގާނޫނު އަސާސީ އާއި ގާނޫނުކާއި ހިލާފަށް އަމަލުކުރާ ކައުންސިލްތައް އެބަހުރި. އެ ކައުންސިލްތަކާމެދު ފިޔަވަޅު އަޅާނެ މިންގަނޑުތަކެއް ހަމަތަކެއް އެލްޖީއޭގެ ބޯޑުން ނިންމާ މިހާރުވަނީ އަމަލު ކުރަން ފަށާފައި. ރާއްޖޭގެ އެކި ކައުންސިލްތަކުން އަމަލުކުރަން ޖެހޭ ގަވާއިދު ވެސް ވަނީ ނިމިފައި،" ޖަމީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލްތަކުން އަމަލުކުރަން ޖެހޭ އުސޫލު ހިމެނޭ ގަވައިދަށް އަމަލުކުރަން ފަށާފައިވާ ކަމަށާއި ކައުންސިލްތަކުން އަމަލުކުރަން ޖެހޭ މުނިސިޕަލް 25 ގަވާއިދެއް އެޓާނީ ޖެނެރަލްގެ ލަފާއަކަށް ފޮނުވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ހަދާފައިވާ ގަވާއިދުގައި ކައުންސިލްތަކާމެދު ފިޔަވަޅު އެޅުމުގައި ހަތަރު މަރުހަލާއެއް ކަޑަތު ކުރަންޖެހޭ ކަމަށާއި އެގޮތުން އެއްވެސް ކައުންސިލަކުން ގާނޫނާއި ގަވާއިދާ ހިލާފުވެއްޖެނަމަ އެ ހަތަރު މަރުހަލާއަށް ފަހު އެ ކައުންސިލެއް އުވާލަން ކޯޓަށް ހުށައަޅާނެ ކަމަށެވެ.
"ހަތަރު މަރުހަލާއަކަށް އުސޫލުތައް ބެހިފައިމިވަނީ ފުރަތަމަ ގޮތަކީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުން. އެގޮތުން ހައްލުނުވެއްޖެ ނަމަ ލިޔެކިއުމުން ނަސޭހަތް ދިނުން. އެކަމަށް ވެސް ވަގުތު ދިނުމަށް ފަހު ހައްލު ނުވެއްޖެނަމަ އެކަމާ ގުޅޭ ގޮތުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ނޯޓިސް އެއް ދިނުން. އެންމެ ފަހުކަމަކީ އެ ކައުންސިލެއް ރޫޅާލުމަށް ކޯޓަށް ދިއުން،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ މިހާރުވެސް ގަވާއިދުގެ ދަށުން ބައެއް ކައުން ސިލްތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.