ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، އިންޓަ ރިސޯޓް އޯޕަން ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ތާޖް އެގްޒޯޓިކާ ހޯދައިފި އެވެ. ތާޖް މުބާރާތުގެ ތަށި އުފުލާލީ ފައިނަލުގައި އިއްޔެ ރީތިރަށް ރިސޯޓާ ވާދަކޮށް ސިދާ ތިން ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި ކުޅުނު މިމެޗްގެ ސެޓްތައް ތާޖް ރިސޯޓުން ކާމިޔާބު ކޮށްފައިވާނީ 25-17، 25-17 އަދި 25-23 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތާޖް ރިސޯޓުގެ އިބްރާހިމް އަދީލެވެ.

އިއްޔެގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން ވަނީ ހޮވާފަ އެވެ. އެކުޅުންތެރިންނަކީ ތާޖް ރިސޯޓުގެ އިބްރާހިމް އަދީލާއި، އަލީ ހުޒާމާއި އިސްމާއިލް ސާޖިދު އާއި ރީތިރަށް ރިސޯޓުގެ އިޝާން މުހައްމަދާއި އަސްފާގް އާދަމް އާއި ޖުމައިރާ ރިސޯޓުގެ މުހައްމަދު ޔާމިނެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ތާޖް ރިސޯޓުގެ މުހައްމަދު ސާޖިދު ހޮވުނުއިރު، އެންމެ ރަނގަޅު ސަޕޯޓަރުން ތިބި ޓީމަކަށް ހޮވުނީ ބަނޑޮސް އައިލެންޑް ރިސޯޓެވެ.