މޮޓޮރޯލާގެ އާ، އެންޑްރޮއިޑް 4.0 ގެ ސްކިންގެ ޑެމޯ ވީޑިޔޯ ނުކުމެއްޖެއެވެ. މޮޓޮރޯލާގެ ފަރާތުން ބުނާ ގޮތުގައި ވަރަށް އަވަހަށް މި ސްކިން ބާޒާރަށް ނެރޭނެއެވެ.

މި ސްކިން ތައްޔާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި މި ވެގެންދާނީ ކަސްޓަމަރުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދާނެ ސްކިން އަކަށެވެ. މި ސްކިންގައި ކޮންމެވެސް ވަރަކަށް ވެނީލާ އެންޑްރޮއިޑް ފްލޭވަރ ހިމެނޭނެ ކަމަށް މޯބައިލް ނެޕުން ހާމަ ކުރެއެވެ.

ބައެއް އައިކަންތަކަށް ބަދަލު ގެނެވިފައިވާއިރު، ތަރުތީބަށް ވެސް ވާނީ ބަދަލު ގެނެވިފައި ކަމަށް މޯބައިލް ނެޕުން ބުނެއެވެ. އެހެން ނަމަވެސް ވެނީލާ އެންޑްރޮއިޑް ބޭނުންކޮށްފައިވާ މީހަކަށް މީގެ ސަބަބުން މާ ބޮޑު އުނދަގޫތަކެއް ކުރިމަތި ނުވާނެ ކަމަށް އެ ފަރާތުން ބުނެއެވެ. އަދި ހަމަ އެހެންމެ މި އައު ރަހައަކީ މޮޓޮރޯލާއިން ކަސްޓަމަރުން ފޯރުކޮށްދޭ ވަރަށް ވެސް އަގުހުރި ހަދިޔާއެއް ކަމަށް އެ ފަރާތުން ދެކެއެވެ.

މޮޓޮރޯލާ ކުންފުންޏަކީ މިހާރު ގޫގުލްގެ ދަށުން ހިނގާ ކުންފުންޏެކެވެ. އެހެން ނަމަވެސް ގޫގުލް އާއި މައިކްރޯސޮފްޓާ ދެމެދު މިހާރު ހިނގަމުންދާ "ބުޅަލުގެ ކޯޅުން" ތަކުގެ ސަބަބުން ކޯޓުގައި އޮތް މައްސަލަތަކާ ގުޅިގެން މޮޓޮރޯލާގެ ހަރަކާތްތައް ތަޅުލެވިފައިވާ ކަމަށް ހަބަރު ލިބެއެވެ.