އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ޝޯ އެއް ބާއްވަން ވެގެން އެ ގައުމަށް ކުރަން އުޅުނު ދަތުރު، ދީނީ މީހުންގެ މުޒާހަރާތަކާ ގުޅިގެން ހުއްޓައިލައިފި އެވެ.

މި ދަތުރު ހުއްޓައިލިކަން އިއުލާން ކުރުމަށް ފަހު ލޭޑީ ގާގާ ކޮށްފައިވާ ޓްވީޓެއްގައި ލިޔެފައިވަނީ "ހަސަދަ އާއި ރުޅިވެރިކަމުގައި އެއްވެސް މާތްކަމެއް ނުވޭ" މިހެންނެވެ. އިންޑޮނޭޝިޔާގެ ދަތުރު ހުއްޓައިލަން ޖެހުމުން އެކަމާ ހިތާމަ ކުރާ ކަމަށް ލޭޑީ ގާގާ ވަނީ ބުނެފައެވެ. "އިންޑޮނޭޝިޔާގައި ބާއްވަން އުޅުނު ޝޯ އަހަރެމެން ޖެހުނީ ކެންސަލް ކުރަން. އަހަރެންނަށް ތާއީދުކުރާ މީހުންނަށް ޓަކައި މިކަމާ މެދު އަހަރެން ވަރަށް ބޮޑަށް ހިތާމަކުރަން. އަހަރެންގެ ހުރިހައި ވެސް ކަމަކީ ތިއީ. ތިޔަ ސަޕޯޓަރުންނަށްޓަކައި ކޮންމެވެސް ހާއްސަކަމެއް ރޭވޭތޯ އަހަރެން މަސައްކަތްކުރާނަން." ގާގާ ބުންޏެވެ.

ބިޒްނަސް ވީކްގައިވާ ގޮތުން ލޭޑީ ގާގާގެ އިންޑޮނޭޝިޔާ ދަތުރު ކެންސަލް ކުރީ، އޭނާގެ ނެށުންތަކަކީ ބަރަހަނާ މަންޒަރުތަކެއް ކަމަށާއި އޭނާ ލައިފައި ހުންނަ ގަޔަށް ބާރު ތުނި ހެދުންތަކުގެ ސަބަބުން އިންޑޮނޭޝިޔާގެ މީހުންގެ އަހުލާގަށް ނުބައި އަސަރުތަކެއް ކުރާނެ ކަމަށް ބުނެ، އިސްލާމިކް ޑިފެންޑާސް ފްރޮންޓުގެ މެންބަރުން މުޒާހަރާކުރަން ފެށުމުންނެވެ.

އިސްލާމިކް ޑިފެންޑާސް ފްރޮންޓުގެ ފަރާތުން ބުނެފައިވަނީ ލޭޑީ ގާގާއަކީ "ޝައިޠާނާގެ ރަސޫލެއް" ކަމަށާއި، އޭނާގެ ޝޯއަށް ހުރަސް އެޅުމުގެ ގޮތުން އެ ޝޯ ގެ ގިނަ އަދަދެއްގެ ޓިކެޓް އެ ޖަމާއަތުގެ މެންބަރުން ގަނެފައިވާ ކަމަށެވެ. މީގެ އިތުރުން ޖަކާޓާގެ ފުލުހުންގެ އިސް ބޭފުޅަކު ވަނީ ލޭޑީ ގާގާގެ ޝޯވގެ ސަބަބުން ހަމަ ނުޖެހުންތަކެއް ހިނގައިފާނެތީ، އެ ޝޯއަށް ދީފައިވާ ހުއްދަ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބާތިލު ކުރުމަށް ގޮވައިލައްވައިފަ އެވެ.

"ބޯން ދިސްވޭ ބޯލް" ގެ ނަމުގައި ޖޫން 3 ގައި ބާއްވަން އުޅުނު މި ޝޯ ގެ 52000 ޓިކެޓް ވިކުނު ކަމަށް ރޯލިން ސްޓޯން އިން ބުނެއެވެ. ޓިކެޓް ވިއްކި ފަރާތުން ބުނަނީ ޓިކެޓް ގަތް ފަރާތްތަކަށް ރިފަންޑް ފައިސާ ލިބޭނެ ކަމަށެވެ.