ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ނިންމައި، މައްސަލަ އެމްޑީޕީން ވަނީ މަޖިލީހަށް ވައްދައިފަ އެވެ. އަދި އަންނަ މަހުގެ ފަސް ވަނަ ދުވަހަށް އެ މައްސަލަ ވަނީ މިހާރު އެޖެންޑާ ވެސްކޮށްފަ އެވެ. އެމްޑީޕީ ބުނާ ގޮތުން މައްސަލަ ވެއްދި މައިގަނޑު ސަބަބަކީ މަޖިލީސް މިއަހަރަށް ހުޅުވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ހުށަހެޅުއްވި ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމުގެ މައްސަލާގައި ޝާހިދު އަމަލުކުރައްވާފައިވާ ގޮތާއި މަޖިލީހުގެ މަސްލަހަތު ހިމެނޭ ބޮޑެތި ބައެއް މައްސަލަތަކުގައި ޕާޓީތަކުގެ މަޝްވަރާއާ ނުލައި ނެތި ޝާހިދު އަމިއްލަފުޅަށް ކަންކަން ނިންމަވަމުން ގެންދެވުމެވެ.

އެމްޑީޕީގެ ތުހުމަތުތަކާ ގުޅިގެން ޝާހިދު ވިދާޅުވެފައި ވަނީ މިހާތަނަށް ވެސް އޭނާ އަމަލު ކުރައްވަމުން ގެންދެވީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

"އެ މައްސަލާގައި އަޅުގަނޑާމެދު މެންބަރުން ކުރައްވާފައިވާ ތުހުމަތަކީ ހަގީގަތާއި ހިލާފު ތުހުމަތެއް"، ޝާހިދު ވިދާޅުވެފައިވެ އެވެ.

ޝާހިދުގެ މައްސަލަ އެޖެންޑާކޮށްފައި ވިޔަސް މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތީ ރައީސް ވަހީދުގެ ސަރުކާރާ އިއްތިހާދުވެފައިވާ ޕާޓީތަކަށެވެ. ޝާހިދު ނިސްބަތްވެވަޑައިގެންނަވާ ޑީއާރްޕީއަކީ ވެސް ރައީސް ވަހީދުގެ ސަރުކާރާ އިއްތިހާދުވެފައިވާ ޕާޓީއަކަށްވާ އިރު އެމްޑީޕީން ބޭނުންވާ ގޮތަށް މަޖިލީހުގައި ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ނިމިގެންދާނެ ކަމަކަށް ނުބެލެވެ އެވެ.

ޑީއާރްޕީގެ ޕާލިމެންޓް ގުރޫޕްގެ ނައިބު ލީޑަރު ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެޖޯރިޓީ މިހާރު މަޖިލީހުގައި ނެތުމުން އެ ވޯޓް ޝާހިދާ ދެކޮޅަށް ކާމިޔާބު ވުމުގެ ބަދަލުގައި ނިމިގެންދާނީ ޝާހިދާ އެއްކޮޅަށެވެ. އެކަން ޑީއާރްޕީ އަށް ޔަގީނެވެ. ޑީއާރުޕީ ބޭނުންވާ ގޮތަކީ ޝާހިދުގެ މައްޗަށް ނެގޭ އިތުބާރު ނެތް ކަމުގެ ވޯޓް އިތުބާރު އޮތް ވޯޓަކަށް ބަދަލުކޮށްލާށެވެ.

ޑީއާރްޕީން އެހެން ތިބި ކަމުގައި ވިޔަސް ސަރުކާރުގައި އަދި މަޖިލިސް ތަމްސީލު ކުރާ އެހެން ސިޔާސީ ޕާޓީތަކުން މިކަމުގައި އަދި ވަކި ގޮތެއް ނިންމާފަ އެއް ނުވެ އެވެ.

މަޖިލީހުގެ މިހާރުގެ މައިނޯރިޓީ ޕާޓީ ޕީޕީއެމާ ޑީއާރްޕީއާ ދެމެދުގައި އުފެދިފައިވާ ދެކޮޅުވެރިކަން އެއްކައިރިއަށް ޖައްސާލުމަށް ފަހު، ރައީސް ވަހީދުގެ ސަރުކާރަށް އަތުވެދާނެ ލޮޅުމަކަށް ބަލައިގެން މި މައްސަލައިގައި ޑީއާރްޕީއާ އެއްކޮޅަށް ވޯޓްދިނުމަކީ އެކަށީގެންވާ ކަމެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވި ހިސާބުން ފެށިގެން އަވަސް އިންތިހާބެއްގެ ތާރީހެއް ސަރުކާރުން ދެންދެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އެމްޑީޕީން މަޖިލީހުގެ ޖަލްސާތައް ހުއްޓުވަމުން ދިޔަ އިރު ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވަނީ ޝާހިދުގެ ގާބިލިއްޔަތުކަމާއި އިހުލާސްތެރިކަމާ މެދު ސުވާލުއުފައްދާފަ އެވެ.

ޕީޕީއެމްގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިޙާން ހަސަން މަނިކު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައާ މެދު އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ވަކި ގޮތެއް އަދި ނިންމާފައިނުވާ ކަމަށާއި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ނިންމާ ގޮތަކަށް ޕާޓީގެ މެންބަރުން ތާއީދުކުރާނެ ކަމަށެވެ.

"މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލާގައި ޕާލިމަންޓްރީ ގްރޫޕުން ވަކިގޮތެއް ނުނިންމާ އަދި. އެ މައްސަލަ ހުށަހެޅުނު ތަނާ އަޅުގަނޑުމެން އޭރު ބުނަމުން ދިޔައިން އެކަމަކީ ސަރުކާރުގެ ތެރޭގައި ހުރި ޕާޓީތަކުގެ މެދުގައި ފިތުނަ އުފެއްދުމަށް އެމްޑީޕީން ރާވައިގެން ކުރާ ކަމެކޭ، ފަހަރުގައި އެ މައްސަލަ އަނބުރާ ގެންގޮސް ވެސް ފާނެ،" ނިހާން ވިދާޅުވި އެވެ.

އެމްޑީޕީން ޝާހިދުގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެ ޕާޓީން ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ހިސާބުން ފެށިގެން ރާއްޖެގެ ރައީސް ކަމުގެ މަގާމާ ޝާހިދު ހަވާލުވެލެއްވުމަށް ފަހު، ވީހާވެސް އަވަހަކަށް ގާނޫނު އަސާސީން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އަވަސް އިންތިހާބެއް ބާއްވައިދިނުމަށް އެދި އެކިއެކި މުޒާހަރާތަކުގަ އާއި އެމްޑީޕީގެ އެކި ޕޯޑިއަމްތަކުގައި ޝާހިދުގެ ކިބައިން އެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވުމަށް ފުރަތަމަ ހަމަޖެހުނު ދުވަހު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސް ވަހީދަށް ބަޔާން އިއްވިޔަ ނުދިނުމަށްޓަކައި މަޖިލީސް ހިސޯރުކޮށްގެން ހަމަނުޖެހުން ހިންގައިފަ އެވެ. އެ ދުވަހު ޝާހިދުއަށް ގައުމީ ދިފާއީ ބާރުތަކުގެ އެހީއާ އެކު މަޖިލިސް ކުރިއަށް ގެންދެވުމުގެ އިހުތިޔާރު އޮތް ކަމަށާއި ޖަލްސާ ކެންސަލްކުރެއްވުމުގެ ފަހަތުގައި މަޖިލީހުގެ ރައީސް ޝާހިދާ އެމްޑީޕީއާ ދެމެދު ފޮރުވިފައިވާ ރޭވުންތަކެއްވާ ކަމުގެ ތުހުމަތުތައް ސަރުކާރުގައި ހިމެނޭ ބައެއް ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕުން ކުރި އެވެ.

ޝާހިދަށް މަޖިލީހުގެ ރައީސްގެ މަޝްއޫލިއްޔަތު އުފުއްލައްވަން ކެރިވަޑައިނުގެންނަވާ ނަމަ ނުވަތަ އުޒުރުވެރިވެވަޑައިގެންނަވާ ނަމަ އެކަން މަޖިލީހުގެ ނައިބު ރައީސް އާ ހަވާލުކުރެއްވައިގެން ކުރިއަށް ގެންދިމަށް ވެސް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގެންނަވާ ޕާލިމެންޓްގެ މެންބަރުން އޭރު ގެންދެވީ ވިދާޅުވަމުންނެވެ. ކަން މިހެން އޮތް އިރު އެމްޑީޕީން ބޭނުންވާ ގޮތަށް މިވޯޓް ނިމިގެން ދިއުމުގެ ފުރުސަތުތައް ވެސް ވަކި ކުޑައެއް ނޫނެވެ.

ބައެއް ސިޔާސީ ޕާޓީތަކުން ޝާހިދުގެ ގާބިލިއްޔަތާ މެދު ސުވާލު އުފައްދަމުން ދިޔަ ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހުނު ފުރަތަމަ ދުވަހު އެމްޑީޕީން ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ވެސް މަޖިލީސްގެ ރައީސް ޝާހިދު ވަނީ ގައުމީ ދިފާޢީ ބާރުތަކާ އެކު މަޖިލީހުގެ ތަޅުމަށް ވެންނެވުމަށް އެތައް ފަހަރަކު މަސައްކަތް ކުރެއްވި އެވެ. އެންމެ ފަހުން އެމަސައްކަތް ނާކާމިޔާބުވި ކަމަށް ނިންމެވީ، އެމަނިކުފާނު މަޖިލީހަށް ވަދެވަޑައިގެންނެވުމަށް ކުރެއްވި މަސައްކަތުގެ ތެރޭގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ހުރަސް އަޅުއްވަމުން ގެންދަވަނިކޮށް، އެމަނިކުފާނު ބިންމައްޗަށް ވެއްޓިވަޑައިގެން ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިވަޑައިގެންނެވި ހިސާބުންނެވެ.

ރިޔާސީ ބަޔާން އިއްވުމަށް ދެވަނަ ފަހަރަށް އެޖެންޑާ ކުރި ޖަލްސާއަށް ރައީސް ވަހީދު ވަޑައިގެން ރިޔާސީ ބަޔާން އިއްވެވީ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ހަމަނުޖެހުން ހިންގަމުން ގެންދަނިކޮށެވެ. ނަމަވެސް އެދުވަހު އަބްދުﷲ ޝާހިދު ވަނީ ރައީސަށް އެމަނިކުފާނުގެ ގާނޫނީ ވާޒިބު އަދާކުރެއްވުމުގެ ފުރުސަތު ދެއްވުމުގައި އެއްބާރުލުން ދެއްވާފަ އެވެ.

މިއީ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. ނަމަވެސް އެފަދަ ވޯޓެއް ނަގަން އެމްޑީޕީން އަބަދުވެސް އައީ ވާހަކަ ދައްކަމުންނެވެ. އެހެން ކަމުން މި މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ ރައީސް ވަހީދުގެ ސަރުކާރަށް ޕްރެޝާކުރުމަށް ކަމަށް ބައެއް ސިޔާސީ ޕާޓީތަކުން ބުނާ ބުނުމަކީ އޭގައި ހަގީގަތެއް އޮތް ކަމަކަށް ވުމަކީ ވެސް ގާތް ކަމެކެވެ.