28 May 2012, 10:05
ވޮޝިންގްޓަން ( މޭ 28): ސެޕްޓެމްބަރު 11ގެ ޙަމަލާތަކަށް ފަހު އެމެރިކާ ކުރަމުންގެންދިޔަ ހަނގުރާމަތައް މިހާރު ނިމުމަކަށް އަންނަމުންދާ ކަމަށާއި ކުރިޔަށް އޮތް މަރްޙަލާގައި ހަނގުރާމައިގެ ބަދަލުގައި އެމެރިކާ އިސްކަންދޭނީ ބައިނަލްއަޤްވާމީ ގޮންޖެހުންތަކަށް ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޯޒެފް ބައިޑެން ވިދާޅުވެއްޖެވެ.
އެމެރިކާގެ މަޝްހޫރު ވެސްޓް ޕޮއިންޓް އެކަޑަމީގައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ ސެޕްޓެމްބަރު 11ގެ ފަހުން އެމެރިކާ ކުރަމުންގެންދާ ދިގުލީ ހަނގުރާމަތައް ނިމުމަކަށް ގެނައުމަށް ފަހު އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކަށް ބަދަލުއަންނާނެ ކަމަށާއި މިއާ އެކު އެމެރިކާގެ ހުރިހާ ކަމެއް ވެސް ބެލެންސްވެގެންދާނެ ކަމުގަ އެވެ. ބައިޑެންގެ ވާހަކާގައި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައާއި ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ދޮގުތައް ހެދުމަށް ފަހު އެމެރިކާ ކުރަމުންގެން ދިޔަ ލޭއޮހޮރުވުންބޮޑު އަނިޔާވެރި ހަނގުރާމަތައް ދިފާޢު ކުރެއްވި އެވެ. އަދި މިހަނގުރާމަތަކުގައި ޝާމިލްވި އެމެރިކާ ސިފައިންނަށާއި މަދަނީންނަށް ޝުކުރުއަދާކުރެއްވި އެވެ. ސެޕްޓެމްބަރު 11ގެ ޙަމަލާތަކަށް ފަހު އަފްޣާނިސްތާނާއި ޢިރާޤާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމަތަކުގައި އެތައް ލައްކަ ބަޔަކު މަރާފައިވާ އިރު މީގެތެރޭގައި ގިނައީ ކުށެއްނެތް ޢާންމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެއިތުރުން މިދެޤައުމުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާ ސިފައިން ފުޅާދާއިރާއެއްގައި އިންސާނިއްޔަތާ ޚިލާފް އަނިޔާތައްކޮށް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަމުގެ ތުހުމަތު ވެސް އެމެރިކާގެ މައްޗަށް ކުރެވިފައިވެ އެވެ. މިޖަރީމާތަކުގެ ފަހަތުގައިވާ އެމެރިކާ ސިފައިންނާއި އެމެރިކާގެ އިސްވެރިން ބައިނަލްއަޤްވާމީ ޢަދާލަތައް ޙާޒިރު ކުރުމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ ގޮވާލާފަ އެވެ.
ބައިޑެންގެ ވާހަކާގައި އިތުރު ޤައުމުތަކާ ދެކޮޅަށް އެމެރިކާ ހަނގުރާމަ ނުކުރާނެ ކަމުގެ ޔަގީންކަން ސީދާގޮތެއްގައި ނުދެއްވި ނަމަވެސް ހަނގުރާމައިގެ ބަދަލުގައި ތަރައްޤީއާއި ވިޔަފާރިއާއި އިޤްތިސާދީ ކުރިއެރުމަށް އެމެރިކާ އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ދުނިޔޭގައި އިޤްތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުންދާ ޗައިނާ، އިންޑިޔާ، ރަޝިޔާ، ބްރަޒިލް، ތުރުކީ، ދެކުނު އެފްރިކާ އަދި ދެކުނުކޮރެޔާ ފަދަ ޤައުމުތަކާ ގުޅުންތައް ބަދަހިކޮށް ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިޤްތިސާދަށް އެރި ލޮޅުންތައް ފޫބެއްދުމަށް އެމެރިކާ އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)