11 Jan 2024, 08:55
އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ މަޝްހޫރު މިއުޒިކް ބޭންޑް 'ސަނަމް'ގެ ލަވަކިޔުންތެރިޔާ ސަނަމް ޕޫރީގެ ކައިވެނީގެ ހަފުލާތައް މިއަދު ފެށޭނެ ކަމަށް ރިޕޯޓު ތަކުން ބުނެފިއެވެ.
ކުރީގެ ރީތި ހިންދީ ލަވަތައް އޭގެ އަސްލު ނުގެއްލޭ ގޮތަށް އަސަރާ އެކު ހުށަހަޅަން މަޝްހޫރު ލަވަކިޔުންތެރިޔާ އަކީ "ސަނަމް" ބޭންޑްގެ ކާމިޔާބީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާ ލީޑް ވޮކަލިސްޓެވެ.
އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެ ގިނަ ޤައުމު ތަކެއްގައި މިއުޒިކް ޝޯވް ދީފައިވާ މި ބޭންޑްގެ ލަވަކިޔުންތެރިޔާ އަކީ ވަރަށް ގިނަ އަންހެން ކުދިންގެ މެދުގައި މަގުބޫލު ފަންނާނެކެވެ. ގިނަ އަންހެން ކުދިންގެ ހިތްތައް ރޮއްވާލުމަށް ފަހު ސަނަމް އާއި ދުވަސްވީ ލޯބިވެރިޔާ ޒިކޮބޭނީ ޓަންގޯގެ ކައިވެނީގެ ހަފުލާ ބޭއްވުމަށް ނިންމާފައި ވަނީ އިންޑިއާގެ ނަގަލަންދުގައެވެ.
ނަގަލަންދު އަކީ ސަނަމްގެ ލޯބިވެރިޔާ ޒިކޮބޭނީ ނިސްބަތްވާ ސްޓޭޓްކަމަށް ވެފައި ދެ މީހުންގެ ލޯބީގެ ފެށުން މި ސްޓޭޓާ ގުޅިފައި ވުމުން ކައިވެނީގެ ހުރިހާ ހަފްލާއެއް ވެސް ކުރިޔަށް ގެންދަން ނިންމާފައި ވަނީ މި ސްޓޭޓްގައެވެ. ދެ މީހުންގެ އާއިލާގެ އިތުރުން ގާތް ރަޙްމަތްތެރިން ބައިވެރިވާ ކައިވެނީގެ ހުރިހާ ހަފްލާތައް ވެސް ކުރިޔަށް ދާނީ އިންޑިއާގެ ޕަންޖާބުގެ އާދަކާދައާ އެއްގޮތަކަށް ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

ލަވަކިޔުންތެރިޔާ ސަނަމް ބޭންޑުގެ އެހެން މެމްބަރުންނާ އެކު ރާއްޖޭގެ ރިސޯޓެއްގައި-- ފޮޓޯ/ ފޭސްބުކް
ސަނަމްގެ ކައިވެނީގެ ރަސްމިއްޔާތު ވީ އެންމެ ފުރިހަމަ އަކަށް ގެންދަން ރޭވިފައިވާ ކަމަށާއި ކައިވެނީގެ ހާއްސަ ދުވަހަށް ތައްޔާރު ވުމަށް ދެ މީހުން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ ކަމަށް ސަނަމް ވަނީ ބުނެފައެވެ.
ބޮލީވުޑްގެ ބައެއް ފިލްމުތަކަށް ވެސް ލަވަ ކިޔައިދީފައިވާ ސަނަމް އަކީ ދިވެހިރާއްޖޭގައި ވެސް މިއުޒިކް ޝޯވް ދިން ފަންނާނެކެވެ.