10 Jan 2024, 23:53
މާލެ ސިޓީ ކައުންސިލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް ވަޒީފާ ދިނުމަށް ކޯޓާއެއް ކަނޑައަޅުއްވާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެއެވެ.
'ސަންގު މޭޔަރު ބަހުސް'ގައި ވާހަކަދައްކަވަމުން މިރޭ އާޒިމާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަކީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއް ބަޔަކު ކަމަށެވެ.
އެގޮތުން ސިޓީ ކައުންސިލްގެ ދަށުގައި ސްކޫލްތަކާއި މަދަރުސާތައް ހުންނައިރު އޭނާގެ މޭޔަރުކަމުގައި ކުރިއަށްގެންދަވާނެ ތައުލީމްގެ ޕްރޮޖެކްޓުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭނެ ޚިދުމަތްތައް އާޒިމާ ކިޔައިދެއްވިއެވެ.
އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއަށް 18 އަހަރު ފުރުމުން ވެސް، ސްކޫލަށް ގޮސް ތައުލީމު ހާސިލްކޮށް އެކިއެކި ފަންނުތައް ދަސްކޮށްދޭނެ ކްލާސްތައް ޚާއްޞަކޮށްގެން ކުރިއަށްގެންދާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ޕެޝަންއެއް ވަލްނަރަބަލް ގްރޫޕަށް ޚިދުމަތް ކުރުމަކީ. އެހެންވީމަ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް 18 އަހަރު ވިޔަސް އެއިން ކުއްޖަކަށް ސްކޫލަށް ނުގޮސް ގޭގައި ހުންނަންޖެހޭނެ ގޮތަކަށް އަޅުގަނޑުގެ ވިސްނުމެއް ނޯންނާނެ،" އާޒިމާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އެއް ޕްރަޔޯރިޓީއަކަށް ވާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން."
އާޒިމާ ވިދާޅުވީ އެގޮތަށް އުނގެނިގެން ނުކުންނަ ކުއްޖާ ވަޒީފާގެ މާހައުލަށް ތަމްރީނުކުރުމަކީ ވެސް އޭނާގެ މޭޔަރުކަމުގައި އެންމެ އިސްކަމެއްދެއްވައިގެން ކުރައްވާނެ އެއް ކަން ކަމަށެވެ.
އެގޮތުން ވަޒީފާއަށް ދިއުމަށްޓަކައި ބޭނުންވާ އޮކިއުޕޭޝަނަލް ތެރަޕީ ދެވޭނެ ގޮތް ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަޒީފާ ހޯދައި ދީފައި ވަޒީފާއަށް ދިޔުމަށްޓަކައި ބޭނުންވާ ސްކިލްސް ދިނުމަށްޓަކައި އެ ބޭނުންވާ އޮކިއުޕޭޝަނަލް ސެންޓަރެއް އަޅުގަނޑު ގާއިމްކުރާނަން،" އާޒިމާ ވިދާޅުވިއެވެ.
"ހަމައެއާއެކު އަޅުގަނޑުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލްގައި ވަކި ކޯޓާއެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި މީހުންގެ ވަޒީފާ ދިނުމަށް އަޅުގަނޑު ހަމަޖައްސާނަން."
ހަމައެއާއެކު އާޒިމާގެ މެނިފެސްޓޯގައި އިސްކަމެއްދީގެން މާލެ ސަރަޙައްދުގައި ގާއިމްކުރާ ޑޭ ކެއާ ސެންޓަރުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް، އެ ކުދިންނަށް ބޭނުންވާ ގޮތަށް މާހައުލު ގާއިމްކޮށްދެއްވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
"ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައިންބަފައިންނަކީ ވެސް ވަރަށް ބުރަ އުފުލާ ބައެއް. ޑޭ ކެއާ ސެންޓަރު ތެރޭގައި ޕޭރެންޓުންނާ އެކުގަ ނުކުޅެދުންތެރިކަން ހުރި ކުދިން ބެލެހެއްޓޭނެ ގޮތަށް އަޅުގަނޑުގެ ވިސްނުން އެބަހުރި،" އާޒިމާ ވިދާޅުވިއެވެ.
މި ސަރުކާރުގެ ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށް ވަޒީފާދިނުމުގެ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރުން ހިމެނެއެވެ.