28 May 2012, 09:39
ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް 19 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ވީޓީވީ އަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ ނުވަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ވީޓީވީ އަށް ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ ނުވަ މީހެއްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ބުދަ ދުވަހުކަމަށާއި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ގިނަ ބަޔަކު ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހެއްގައި ޕޮލިސް ސާޖެންޓު މޫސާ ލަތީފު ވިދާޅުވެފައި ވަނީ ވީޓީވީ އަށް ގާއުކި 52 މީހެއްގެ ވިޑިއޯ އެބަހުރި ކަމަށާއި ނަމަވެސް އޭގެތެރެއިން މިހާތަނަށް ދެނެގަނެވިފައި ވަނީ ނުވަ މީހަކު ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާތަނަށް ފުލުހުން ނަން އާންމު ކޮށްފައިވާ މީހުންނަކީ ގ. ހާލަމް، އަހުމަދު މުހީނު އާއި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު އާއި ރ. އަލިފުށީ، ހަމީދީ މަންޒިލް، އަހުމަދު ހަމީދު އާއި ހަމަ އެގޭ ހުސެއިން ހަމީދުއާއި މާލޭ ދަފްތަރު 7471 މުހައްމަދު ހަމީދު އާއި ހ. ލަދުމާގެއާގެ، އަހުމަދު ނައީމާއި ސ. ހުޅުދޫ، ޖުވެލަރީ، ހުސެއިން ފަރުޝާނެވެ.