ލަންޑަން ( މޭ 28): މަދުވެގެން ނިއުކްލިޔާ ފަސްބޮން އުފެއްދުމުގެ ޤާބިލްކަން އީރާނަށް ލިބިގެންވާ ކަމަށް ސައެންސާއި އަމްނާ ބެހޭ ދިރާސާތައްކުރާ އެމެރިކާގެ ފަންނީ މަރުކަޒަކުން ބުނެފި އެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމްގެ ޙާލަތު ދިގު މުއްދަތަކަށް ފަންނީ ގޮތުންނާއި ޢިލްމީ ގޮތުން ދިރާސާކުރުމަށް ފަހު މި މަރުކަޒުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ނިއުކްލިޔާ ޗެއިން ރިއެކްޝަނެއް ގެނެވޭ ފެންވަރަށް ފައްކާކޮށްފައިވާ ހެކްސާ ފްލޮރައިޑް ޔޫރޭނިޔަމް އީރާނުގެ ޔޫރޭނިޔަމް ސްޓޮކްގައި ހިމެނޭކަމަށާއި މިޔޫރޭނިޔަމް ބޭނުންކޮށްގެން މަދުވެގެން ނިއުކްލިޔާ ފަސް ބޮން އީރާނަށް އުފެއްދިދާނެ ކަމުގަ އެވެ. ހެކްސާ ފްލޮރައިޑް ޔޫރޭނިޔަމް އިތުރަށް ފައްކާކޮށްގެން ނިއުކްލިޔާ ބޮން އުފެއްދުމަށް ބޭނުންވާ ޕްލޮޓޯނިޔަމަށް އެމާއްދާ ބަދަލުކުރުމުގެ ޤާބިލްކަން ވެސް އީރާނަށް ލިބިގެންވާ ކަމަށް މިރިޕޯޓް ބުނެ އެވެ.

މިރިޕޯޓް ބުނާގޮތުން އީރާން ވަނީ އެ ޤައުމުގެ ނިއުކްލިޔާ ޕްރޮގްރާމް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ މެޝިނަރީ އާއި ޓެކްނޮލޮޖީގެ ތަފާތު ބާވަތްތައް އަމިއްލައަށް ތަރައްޤީކުރުމުގަ އާއި ނިއުކްލިޔާ ސައެންސްވެރިން އުފެއްދުމާއި ނިއުކްލިޔާ ރީސާޗްގެ ރޮނގުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. މިގޮތުން ޔޫރޭނިޔަމް ފައްކާކުރުމަށް ބޭނުންވާ ސެންޓްރިފިއުޖް މެޝިންތައް އަމިއްލައަށް އުފެއްދުމާއި، ކުރިން އުފެއްދި ސެންޓްރިފިއުޖް މެޝިންތަކަށްވުރެ އެތައް ގުނައެއް ބާރުގަދަ މެޝިންތައް އީރާނުން އިތުރަށް ތަރައްޤީކޮށްފައިވާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އަދި އަލަށް އުފެއްދި ހައިޓެކް ސެންޓްރިފިއުޖް މެޝިންތަކުގެ އެހީގައި ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އެތަށް ގުނައެއް އަވަސްކޮށް ސިނާޢީ ބޭނުންތަކަށް ހަކަތަ އުފެއްދޭ މިންވަރަށާއި ޑޮކްޓަރީ ބޭނުންތަކަށް ނިއުކްލިޔާ އައިސޮޓްޕްސް އުފެއްދޭ މިންވަރަށް ޔޫރޭނިޔަމް ފައްކާކުރާ މިންވަރު މަތިކުރުމުގައި ވެސް އީރާނުގެ ސައެންސްވެރިން ކާމިޔާބު ހޯދާފައިވާ ކަމަށް މިރިޕޯޓް ބުނެ އެވެ. މިއާއެކު ވެސް ނިއުކްލިޔާ ޓެކްނޮލޮޖީ އިތުރަށް ތަރައްޤީ ކުރުމުގައި އަދިވެސް އީރާނަށް ޓެކްނިކަލް ގޮންޖެހުންތައް އެބަހުރިކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ދެހާސް ފަސް ވަނަ އަހަރު ޔޫރޭނިޔަމް ފައްކާކުރުމުގެ ޤާބިލްކަން އީރާނަށް ލިބިފައި ވަނީ އެންމެ ތިން އަށް ކަމަށްވިޔަސް 2010 ވަނަ އަހަރު އީރާނުން ވަނީ 20 ޕަސެންޓް އަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ޤާބިލްކަން ހޯދާފަ އެވެ. އަދި 2004 ވަނައަހަރު އެންމެ 50 ސެންޓްރިފިއުޖް މެޝިން އީރާނުގެ ނިއުކްލިޔަރ ލެބޯޓްރީތަކުގައި ހުރިނަމަވެސް 2011 ވަނައަހަރު އީރާނުންވަނީ ސެންޓްރިފިއުޖް މެޝިންތަކުގެ ޢަދަދު 1050 އަށް އިތުރުކޮށްފައި ކަމަށްވެސް މިރިޕޯޓް ބުނެ އެވެ. (ނޫސްއެޖެންސީތައް)