10 Jan 2024, 20:39
ކަރަބާއޮ ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގްގައި މިޑިލްސްބްރާ އާއި ޗެލްސީ ބައްދަލުކުރި މެޗު މިޑިލްސްބްރާއިން ކާމިޔާބުކޮށްފިއެވެ.
ބޮރޯގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމް ކާމިޔާބު ކޮށްފައިވަނީ އެއްލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާޓުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިން ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. ނަމަވެސް އެއާއެކުވެސް ޗެލްސީއަށް އެ މެޗުގައި ބޮރޯގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
އެ މެޗުގައި ޗެލްސީއިން 18 ހަމަލާ ބޮރޯގެ ގޯލަށް ފޮނުވާލިއިރު އެޓީމަށް ގޯލަށް އަމާޒު ކުރެވިފައިވަނީ ފަސް ހަމަލާއެވެ. ޗެލްސީއަށް ލަނޑު ޖެހުމަށް ލިބުނު ގިނަ ފުރުސަތުތަކުގެ ތެރެއިން ވެސް މިސީޒަންގައި މިހާތަނަށް ރަނގަޅު ކުޅުމެއް ދައްކަމުންދާ ކޯލް ޕާމާއަށް ލިބިގެންދިޔަ ތިން ފުރުސަތު ފާހަގަ ކޮށްލެވެއެވެ. ނަމަވެސް މިމެޗުގައި އޭނާއަށް ވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވިއެވެ. މިއީ މިސީޒަންގައި ޗެލްސީއިން ލަނޑެއް ކާމިޔާބު ނުކުރެވި މެޗު ނިންމާލި ހަވަނަ ފަހަރެވެ.
އެ މެޗުގައި ބޮރޯއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށް ލިބުނު ފުރުސަތުތަކުގައި ކުރިއަރާ ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. މިމެޗުގައި ބޮރޯއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 37 ވަނަ މިނެޓްގައި ޖަހާދިނީ ހޭޑެން ހެކްނީއެވެ.
މިމެޗާ ބޮރޯއިން ކުރިމަތިލާފައިވަނީ އަނިޔާގެ ސަބަބުން 12 ކުޅުންތެރިންނާ ނުލައެވެ. އަދި މިމެޗުގެ ފުރަތަމަ 20 މިނެޓްގެ ތެރޭގައި އެމަނުއެލް ލާޓޭ ލާތު އާއި އެލެކްސް ބަންގޫރާއަށް އަނިޔާ ވުމާއެކު މިލިސްޓުވަނީ އިތުރަށް ދިގުވެފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ އޭނާގެ ޓީމްގެ ކުޅުމާ ބެހޭގޮތުން ވާހަކަ ދައްކަން އުނދަގޫ ކަމަށެވެ. އޭނާ ބުނީ އޭނާގެ ކުޅުންތެރިން ހަމަލާ އުފައްދާ ކަމަށާއި ނަމަވެސް އެހަމަލާތައް ނިންމާލުމުގައި މައްސަލަ ދިމާވާކަމަށެވެ.
މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ޗެލްސީގެ ދަނޑުގައި ކަމުން މިމުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ޗެލްސީއަށް އަދި ނުގެއްލެއެވެ.