27 May 2012, 22:30
އެމްޑީޕީ އިން ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓު ނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމުގައި ހަރަކާތްތެރިވާން ބޭނުންވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެ ފުރުސަތު ހުޅުވާލަފި އެވެ.
އެ ޕާޓީން ބުނެފައި ވަނީ އިންތިހާބުތަކުގެ ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުންނަށާއި މޮނިޓަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކަށް ވެސް ވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"..މޮނީޓަރުންގެ ގޮތުގައި ކުރިމަތިލެވޭނީ ދިވެހި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތތަކަށް،"
އިންތިހާބުތަކުގައި މަންދޫބުން އަދި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ މީހުން، ކުރިމަތިލުމަށް އެދޭ ފޯމް ޖޫން މަހުގެ 7 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އެ ޕާޓިން ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓު ނެގުމާއި ވޯޓުގެ ކަންކަން އޮބްޒާވު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި މި ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވަކިކުރަން މަސައްކަތް ކުރަނީ، ރިޔާސީ ޕްރައިމަރީގެ ވޯޓު އޮޅުވާލުމުގެ ބޭނުމުގައި ކަމަށް އެ ޕާޓީގެ ނައީބު ރައީސްކަމުން ވަކިކޮށްފައިވާ އަލްހާން ފަހުމީ ވިދާޅުވެފައި ވަނިކޮށެވެ.
އަދި އެ ޕާޓީގެ ރައީސާއި ނާއިބު ރައީސް ހޮވުމަށް އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވޯޓުގެ ތެރެއަށް "އަތްބޭނުމަށް" ނަޝީދުގެ ގާތް ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.