27 May 2012, 21:52
ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ދީނީ ދަރުސްތަކަށް ހުރަސްއެޅުމަކީ ސިޔާސީ ނަމެއްގައި އިސްލާމްދީން ނައްތާލުމަށް ކުރެވޭ ވަރުގަދަ ހަނގުރާމައެއް ކަމަށް އަދާލާތު ޕާޓީން ބުނެފި އެވެ.
އަދާލަތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ދީނީ ދަރުސްތަކަށް ހުރަސް އެޅުމަށް ކުރާ މަސައްކަތްތަކަކީ ވަރަށް ދަށުދަރަޖައިގެ ލާދީނީ އަމަލެއް ކަމަށެވެ.
އެ ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ އަމަލުތަކަކީ ގައުމުގައި ފިތުނަ ފަސާދު އާއްމުކޮށް، ﷲގެ މަގުން މީސްތަކުން އެއްކިބާކޮށް ދުރުހެލި ކުރެވުމަށް ހިންގާ ހަޑިމުޑުދާރު އަމަލެއް ކަމަށާއި އެފަދަ އަމަލުތައް އެ ޕާޓީން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
".. މިއީ ގައުމުގައި ފިތުނަ ފަސާދު އާއްމުކޮށް މާތްﷲގެ މަގުން މީސްތަކުން އެއްކިބާކޮށް ދުރުހެލި ކުރެވުމަށް ހިންގޭ ހަޑި މުޑުދާރު އަމަލެއް. މިބައިމީހުން ދައްކާ ވާހަކަތަކީ އަދުގެ ސަރުކާރުގެ ވުޒާރާއަކުން ފޮނުވާ ދީނީ އިލްމުވެރިންތަކެއްގެ ނަސޭހަތް އަޑުއަހަން ބޭނުން ނުވުން،" އަދާލަތުގެ ބަޔާނުގައިވެ އެވެ.
އެ ޕާޓީން ފާހަގަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ވުޒާރާއަކުން ފޮނުވާ ދީނީ އިލްމުވެރިންގެ ނަސޭހަތް އަޑުއަހަން ބޭނުންނުވާ ބަޔަކު ސަރުކާރުންދޭ އެހެނިހެން ހިދުމަތްތަކާއި މުސާރަ ބަލައިގަތުމަކީ މައްސަލައެއް ނޫން ކަމަށް ގަބޫލު އެކަންކަން ބަލައިގަންނަކަން އެ ޕާޓީން ވަނީ ފާހަގަކޮށްފަ އެވެ. އޭގޭތެރޭގައި ސިއްހީ ހިދުމަތާއި ކަރަންޓާއި ބޯފެނުގެ ހިދުމަތް އެ ޕާޓީން ފާހަގަކޮށްފައިވެ އެވެ.
"އެހެންކަމުން މިބައި މީހުންގެ މިއަމަލަކީ ސިޔާސީ ނަމެއްގައި އިސްލާމް ދީން ނައްތާލަން ކުރެވޭ ވަރަށް ވަރުގަދަ ހަނގުރާމައެއް،" އެ ޕާޓީގެ ބަޔާނުގައިވެ އެވެ.
ރާއްޖެއަކީ ޒަމާނުންސުރެ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި އިސްލާމްދީން ފެތުރުމަށާއި އިސްލާމް ދީނާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް ދީނީ އިލްމު ވެރިންނަށް އެއްވެސް ވަރެއްގެ ހުރަހެއް އޮވެގެން ވާނެ ކަމަށް އެ ޕާޓީން ގަބޫލް ނުކުރާ ކަމަށާއި އަދި އެފަދަ ހުރަސްތައް ކުރިމަތި ކުރުވާ އެންމެހާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރަށް އަދާލަތުން ވަނީ ގޮވާލައިފަ އެވެ.
އަދާލަތުގެ ބަޔާނުގައި އަދި ބުނެފައި ވަނީ ކައުންސިލްތަކުގެ ބާރުގެ ދަށުގައި ހުރި ރާއްޖޭގެ މިސްކިތްތައް އިސްލާމިކް މިނސްޓްރީގެ ދަށަށް އަނބުރާ ގެންދިއުމަށް މަގުފަހިކޮށްދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
މިދިޔަ ހަފުތާ އާއި ކުރީގެ ހަފުތާގައި ދީނީ އިލްމުވެރިން މާލެ އާއި ރަށްރަގެ މިސްކިތްތަކުގައި ދަރުސް ދެއްވަމުން ގެންދަވަނިކޮށް ބަޔަކު ވަނީ ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށްފަ އެވެ. އަދި ބ. އަތޮޅު ތުޅާދު އާއި ކަމަދުއަށް ދީނީ ނަސޭހަތް ދެއްވުމަށް އިސްލާމިކު މިނސްޓްރީން ފޮނުވި ޝައިހުން އެރިޔަނުދީ ވަނީ ފޮނުވާލައިފަ އެވެ.