27 May 2012, 20:11
ސީރިއާގެ ހިންގި ގަތުލު އާންމު، ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނަނީ ސީރީއާގެ ޓައުން، ހައުލާގައި މިދިޔަ ހަފުތާގެ ތެރޭގައި ހިންގާފައިވާ ގަތުލު އާންމު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ދުނިޔޭގެ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ލާ އިންސާނީ ޖަރީމާއެއް ކަމަށެވެ. މި ޖަރީމާ ހިންގާފައިވާ ގޮތް ބަލައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލާ ކަމަށެވެ.
އދ. އާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ ގަތުލު އާންމުގައި 90 އަށް ވުރެ ގިނަ މީހުން ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ ކަމަށާއި އޭގެ ތެރޭގައި 32 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.