ބެލުންތެރިންގެ ފަރާތުން ލިބޭ ބައެއް ފާޑުކިޔުން ތަކަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭ ކަމަށާއި ނަމަވެސް ބައެއް ފާޑުކިޔުން ތައް ފިލްމީ ތަރިއަކަށް ވީތީ މުހިއްމު ކަމަށް ބަތަލާ އަނަންޔާ ޕާންޑޭ ބުނެފިއެވެ.

ބައެއް ފަރާތްތަކުން މަލާމާތާއި ފުރައްސާރަ ކުރުމުގެ ނިޔަތުގައި ފާޑުކިޔާ ކަމަށާއި އެފަދަ ފާޑުކިޔުންތަކަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދޭ ކަމަށް ޒުވާން ބަތަލާ ވަނީ ބުނެފައެވެ.

އެންމެ ފަހުން ނެޓްފްލިކްސްއިން ގެނެސްދިން ފިލްމު "ކޯ ގަޔޭ ހަމް ކަހާން"ގެ ބަތަލާ ބުނީ ތެދުވެރިކަމާ އެކު އަމާޒުވާ ފާޑުކިޔުންތައް ހެޔޮ ހިތުން ބަލައިގަންނަ ކަމަށާއި ފިލްމީ ކެރިއަރުގައި އިސްލާހު ކުރަންވާ ކަންތައް އެންމެ ފަސޭހައިން ރަގަޅުކޮށް އެކަމަށް މަސައްކަތް ކޮށްލެވޭނީ އެފަދަ ފާޑުކިޔުންތަކުގެ އެހީއާ އެކު ކަމަށެވެ. ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ2"އިން 2019ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ބަތަލާ އަކީ މި ވަގުތު ބޮލީވުޑްގައި ހިމެނޭ މި ޖީލުގެ އެންމެ ކާމިޔާބު ޒުވާން ބަތަލާއިންގެ ތެރޭ ހިމެނޭ ފިލްމީ ތަރިއެކެވެ.

ފިލްމީ ދާއިރާގައި ހަތަރު އަހަރު މަސައްކަތް ކޮށްލެވުނު އިރު ކެރިއަރުގައި ލިބުނު ކުރިއެރުމެއް ލިބި ކުޅޭ ފިލްމު ތަކުގައި ހުށަހަޅައިދޭ ހުށަހެޅުން ތަކަށް ކުރިއެރުން ލިބުމުގެ ފަހަތުގައި ތިބީ އަނަންޔާއަށް ގޮތް ކިޔާ ފާޑުކިޔުންތެރިން ކަމަށް އަނަންޔާ ވަނީ ބުނެފައެވެ.

އަނަންޔާގެ ފިލްމު ފިލްމު "ކޯ ގަޔޭ ހަމް ކަހާން"ގެ ޕޯސްޓަރެއް-- ފޮޓޯ/ ފޭސްބުކް
ފިލްމު "ގެހެރައިޔާން" އަދި "ކޯ ގަޔޭ ހަމް ކަހާން"އިން ބެލުންތެރިންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނުކަން އަނަންޔާ ވަނީ އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއު އެއްގައި ބުނެފައެވެ.

އަނަންޔާގެ ކުރިޔަށް ހުރި ފިލްމީ މަސައްކަތްތަކުގެ ތެރޭ، ވިކްރަމް އަދިތްޔާގެ ފިލްމު "މޮޓްވާނޭ" އަދި ބަތަލާގެ ފުރަތަމަ ވެބް ސީރީސް "ކޯލް މީ ބޭ" ހިމެނެއެވެ.

އަނަންޔާ ބުނެފައިވާ ގޮތުގައި ކެރިއަރުގައި ލިބޭ ކާމިޔާބީ ބަތަލާ ސިފަކުރަނީ ޑައިރެކްޓަރަކު ނުވަތަ ޕްރޮޑިއުސަރަކު ބަތަލާއަށް ފިލްމެއް ހުށަހެޅުމުން ކަމަށެވެ. އަނަންޔާއަށް 2019ވަނަ އަހަރުގެ ފިލްމު ފެއަގެ އެންމެ މޮޅު 'ފީމޭލް ޑެބިއު'ގެ އެވޯޑް ލިބިފައެވެ.