27 May 2012, 19:31
މާލޭގެ ފިހާރައެއްގައި ހަރުކޮށްފައިހުރި ސެކިއުރިޓީ އެލާމް ސިސްޓަމެއްގެ މެދުވެރިކޮށް ވައްކަމުގެ މައްސަލަތަކެއް ނާކާމިޔާބުކޮށްލައި ވަގުން އަތުލައިގަތުމައި ފުލުހުންނަށް ބޮޑު އެހީއެއް ވެދީފި އެވެ.
ފުލުހުންނަށް އެހީތެރިވިދިނީ ޗާންދަނީ މަގުގެ ޓޫރިސްޓު ފިހާރަ، "ހަނަމަރުކޯ" ގައި ހަރުކޮށްފައިވާ ސެކިއުރިޓީ އެލާމް ސިސްޓަމުންނެވެ. ފުލުހުން ބުނީ ވަގުން ހަނަމަރުކޯ ފަޅައިލަން ތިން ފަހަރު މަސައްކަތް ކުރުމުން ވެސް އެތާނގެ އެލާމް ސިސްޓަމް މެދުވެރިކޮށް ވައްކަން ނާކާމިޔާބުކޮށްލައި ވަގުން އަތުލައިގަތުމުގައި އެހީވެފައިވާ ކަމަށެވެ.
ހަނަމަރުކޯގައި ގާއިމްކޮށްފައިވާ ސެކިއުރިޓީ އެލާމް ސިސްޓަމްގައި ހިމެނޭ ސެކިއުރިޓީ ފީޗާސްތައްކުގެ ސަބަބުން އެ ފިހާރައަށް ވަގު ވަދެއްޖެނަމަ އެލާމް އެޅުމުގެ އިތުރުން ހާއްސަކޮށްފައިވާ ތިން މޯބައިލް ފޯނަކަށް އެސްއެމްއެސް އެލާޓް ފޮނުވައިދެ އެވެ. ފުލުހުން ބުނީ އެ ފިހާރަ ފަޅައިލަން ތިން ފަހަރަށް ވަގުން މަސައްކަތް ކުރުމުން ވެސް ވަގުންނަށް ނާކާމިޔާބުވީ ވަނީ އެ ފީޗާސްތަކުގެ ސަބަބުން ކަމަށެވެ.
ހަނަމަރުގެ މުވައްޒަފަކު މިއަދު ބުނީ އެ ފިހާރަ ފަޅައިލަން ދޭތެރެ ދޭތެރެއިން ވަގުން މަސައްކަތް ކުރާ ކަމަށާއި އޭގެ ތެރެއިން އެއްފަހަރު އެލާމް ސިސްޓަމް ދަމައިގަނެ، ތިޖޫރީ ބޭރު ކުރަމުން ދަނިކޮށް ވެސް ސިސްޓަމްގެ އެހީގައި ވަގުން އަތުލައިގެންފައިވާ ކަމަށެވެ.
"އެކަމަކު މިތާ މިހުރި ނިޒާމަކީ ވެސް ވަކި އާދަޔާހިލާފު ނިޒާމެއް ނޫން. މިދެން ހަމަ އެލާމްސް އިން އެ ހަރުކުރާ ސިސްޓަމް، އެކަމަކު ނަތީޖާ ރަނގަޅަށް ނުކުތީ!" އޭނާ ބުންޏެވެ.
ވަގުންނާ ދެކޮޅަށް މަސައްކަތް ކުރުމުގައި ހަނަމަރުކޯގެ ސެކިއުރިޓީ ސިސްޓަމުން ފުލުހުންނަށް މަގު ދައްކައިދީފައިވާތީ ފުލުހުން ޕަބްލިކް އެފެއާޒް ޑިޕާޓްމެންޓްގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވަނީ މިއަދު ހަނަމަރުކޯއަށް ވަޑައިގެން އެ ނިޒާމް ބައްލަވާލައްވާ މައުލޫމާތު އޮޅުން ފިލުވާފަ އެވެ. މީގެ އިތުރުން ފުލުސް ޕަބްލިކް އެފެއާޒްގެ ކްރައިމް ޕްރިވެންޝަން ޔުނިޓުގެ ޓީމެއް ވެސް ހަނަމަރުކޯގެ މައުލޫމާތު ހިއްސާ ކުރި އެވެ.
ފުލުހުން ބުނީ ވަގުންނަށް ފުރުޞަތު ނުދީ މުދަލާއި ފައިސާ ހިމާޔަތްކޮށް ރައްކާތެރިކަމަށް ވިޔަފާރިވެރިންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ވަކިވަކި ވިޔަފާރިވެރިންނާ ބައްދަލުކޮށް ހަނަމަރުކޯ ގައި ގާއިމްކޮށްފައިވާ ފަދަ ސެކިއުރިޓީ ސިސްޓަމްތަކުގެ އެހީ ހޯދައި ހޭލުންތެރިކަން އިތުރުކުރާ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.
ސެކިއުރިޓީ ވަރުދަ ނިޒާމްތައް ގާއިމްކޮށްފައިވާ ބޮޑެތި އަދި މަޝްހޫރު ފިހާރަތައް ފަޅާާލައިގެން ވައްކަން ކުރުމަކީ މާލޭގައި އާންމު ކަމެކެވެ. މިދިއަ ހުކުރު ދުވަހު ވެސް މަޝްހޫރު ވީބީ މާޓް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަނީ ވަގަށް ގެންދިޔަ އެވެ.