ކައުންސިލްގެ އިދާރާ ހިންގަން ބޭނުންކުރި ތަކެތި ފުލުހުން ގެންގޮސްފައިވާ ކަމަށާއި ދެ ކޮމްޕިއުޓަރުން ހިދުމަތް ނުދެވޭނެ ކަމަށް ބުނެ ށ. މިލަންދޫ ކައުންސިލްގެ މަސައްކަތް ހުއްޓާލައި އިދާރާ ބަންދުކޮށްފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްރާން ވިދާޅުވީ ށ. އަތޮޅު ކައުންސިލްގެ މެންބަރުނާއި ފުލުހުން އެއްވެސް އެންގުމަކާއި ނުލައި އެ ރަށަށް އެރުމަށްފަހު އަތޮޅު ކައުންސިލްގެ މުދާ ކަމަށް ބުނެ އެ އިދާރާގައި ހުރި ތަކެތި ގެންގޮސްފައިވާ ކަމަށާއި އެހެންކަމުން ކައުންސިލުގެ އިދާރާއިން ރައްޔިތުނަށް ހިދުމަތް ދެވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރީ ހަމައެކަނި އެންމެ ދެ ކޮންޕިއުޓަރު އިތުރު އެއްޗެއްނެތް އަޅުގަނޑުމެނަކަށް ނުވިސްނޭ ދެން ރައްޔިތުނަށް ހިދުމަތްދެވޭނެ ގޮތެއް،" އިމްރާން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ތަކެތި ނެތިގެން ހިދުމަތް ނުދެވޭ ވާހަކަ އާއި ތަކެތި ފޯރުކޮށް ދިނުމަށް ލޯކަލް ގަވަމެންޓް އޮޓޯރިޓީ (އެލްޖީއޭ) އަށް އަންގާފައިވާ ކަމަށެވެ. އަވަސް މުސްތަގްބަލެއްގައި ތަކެތި ނުލިބެއްޖެނަމަ ރައްޔިތުނާއެކު މަދަނީ ބަސްނޭހުމަކަށް ދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ ވިދާޅުވީ މިލަންދޫ ކައުންސިލްގެ މަސައްކަތް ހުއްޓާލައިފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި މި މައްސަލައާއި ބެހޭގޮތުން އެލްޖީއޭގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.

ކުރީގެ ސަރުކާރުން މިލަންދޫއަށް ގެންދިޔަ އެ އަތޮޅު އަތޮޅު ކައުންސިލްގެ މުދާ، އަނބުރާ އެއަތޮޅު ފުނަދޫއަށް ގެންދިޔައީ ކޯޓް އަމުރަކާއެކު ފުލުހުން މިލަންދޫއަށް ގޮސް މިދިއަ ހުކުރު ދުވަހު އެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެށިގެން ށ. އަތޮޅުގެ މަރުކަޒީ ރަށަކީ ފުނަދޫކަމަށް ކަނޑައަޅާފައި ވަނިކޮށް، މިލަންދޫއަކީ މަރުކަޒީ ރަށުގެ ގޮތުގައި ނިންމައި އަތޮޅު ކައުންސިލްގެ އިދާރާ އެ ރަށަށް ބަދަލު ކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް އިންތިހާބުވުމާއެކު، ޑީއާރްޕީގެ މެޖޯރިޓީ ކޮންޓްރޯލް ކުރި ށ. އަތޮޅު ކައުންސިލުން ވަނީ އަނެއްކާވެސް މަރުކަޒީ ރަށަކީ ފުނަދޫ ކަމަށް ކަނޑައަޅާފައި އެވެ. އެ މައްސަލަގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައި ވެއެވެ.