ދިރާގާއި އުރީދޫން އިންވެސްޓުކޮށްފައިވާ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އޮފް މޯލްޑިވްސް (ޑީއެސްސީއޯއެމް) އިއްޔެ ހުޅުމާލެއަށް ގެެނެސްފިއެވެ.

ފަސް ސެގްމެންޓެއް ހިމެނޭ އެ ކޭބަލް ނިޒާމުން ހުޅުމާލެ އާއި މާފުށްޓާއި މާމިގިއްޔާއި ކުޑަހުވަދޫ ހިމެނޭ ގޮތަށް އަށް ރަށެއް ގުޅުވައިލާނެއެވެ.

އެ މަސައްކަތް ކުރާ އެޗްއެމްއެން ޓެކްއިން ބުނި ގޮތުގައި، އެ ކޭބަލް އެޅުމުން ހައި ސްޕީޑް ނެޓްވޯކް ކަވަރޭޖް ރަނގަޅުވެ، ރާއްޖޭގެ ޑިޖިޓަލް އިގުތިސާދު ކުރިއަރާނެއެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގައި މުރަކަ ފަރުތައް އުފެދިފައިވާ ގޮތުން ކޭބަލް އެޅުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ. ނަމަވެސް އެ ކުންފުނިން ކޭބަލް އަޅަނީ އެކަމަށް ވިސްނައި، ކޭބަލްގެ އެތެރެއާއި ބޭރު ވެސް، ދިމާވެދާނެ ނުރައްކަލުން ރައްކާތެރިކުރެވޭ ގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ޑޮމެސްޓިކް ސަބްމެރިން ކޭބަލް --

އެޗްއެމްއެން ޓެކުން ބުނި ގޮތުގައި، އެ ކޭބަލް އެޅުމުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިމޭނެއެވެ.

އެ ކޭބަލް ސިސްޓަމް އާންމުކޮށް ބޭނުންކުރަން ފެށުމުން ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފުޅާކޮށް، ސްޕީޑު އަވަސް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޑޮމެސްޓިކް ސަބްމެރިން ކޭބަލް ސިސްޓަމް ފުޅާކުރުމަށް ދިރާގާއި އެޗްއެމްއެން ޓެކް އާއި އުރީދޫއިން އެއްބަސްވުމެއް ހެދީ 2022ގައެވެ.

އެ ނިޒާމާއެކު ދެ ކުންފުނީގެ ޚިދުމަތް ވެސް ފުޅާވާނެ ކަމަށް ދިރާގާއި އުރީދޫއިން ބުނެފައިވެއެވެ.