09 Jan 2024, 18:21
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން، އިޖުތިމާއީ އާއި ކައުންސިލިންގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ކޯސްތަކެއް ފެށުމަށް ނިންމައިފިއެވެ.
އެ ވުޒާރާއިން ބުނީ މި ކޯސްތަކަކީ ކައުންސިލިން އާއި އިޖުތިމާއި ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކާއި މި ދާއިރާތަކުން ޚިދުމަތް ދެމުންދާ މުވައްޒަފުންނަށް ޚާއްސަކޮށްފައިވާ ކޯސްތަކެއް ކަމަށެވެ.
މި ކޯސްތައް އެޑްވާންސް ސެޓްފިކެޓުން ފެށިގެން މާސްޓާސްއާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އިޖުތިމައީ ވުޒާރާއިން ބުންޏެވެ.
އެ ކޯސްތަކުގެ ތެރޭގައި ސޯޝަލް ސާވިސް ދާއިރާއިން އެޑްވާންސްޑް ސެޓިފިކެޓް އަދި ބެޗެލާސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތަކާއި، ކައުންސިލިން ދާއިރާއިން ބެޗެލާސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތައް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެ ކޯސްތައް ކުރިއަށްގެންދާނީ ދެ ބުރަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ބުރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 25ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ވުޒާރައިން ބުންޏެވެ. އަދި ފުރަތަމަބުރުގައި ބައިވެރިވެވޭނީ 100 މީހަކަށް ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
ފުރަތަމަ ބުރު އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބުރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ އޮގަސްޓު މަހުގައި ކަމަށް އިޖުތިމާއީ ވުޒާރާއިން ބުންޏެވެ.
އެވުޒާރާއިން ބުނީ ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު ގައުމީ ޔުނިވާސިޓީގެ ވެބްސައިޓުންނާއި ހޮޓްލައިން ނަމްބަރު 1445އަށް ގުޅުމުން ލިބޭނެ ކަމަށެވެ.
އެވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، މިފަދަ ކޯސްތަކެއް ހިންގުމުގެ މަގުސަދަކީ ވުޒާރާގައި މިދާއިރާތަކުން ޚިދުމަތްދިނުމަށް ތިބި މީހުންގެ އިތުރުން މި ދާއިރާތަކަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ތައުލީމާއި ތަމްރީނުގެ ގޮތުން ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.
އެ ވުޒާރާގެ ދަށުގައި ކުޑަކުދިންނަށާއި އާއިލާތަކަށް ޚިދުމަތް ފޯރުކޮށްދޭ 19 މަރުކަޒެއް ހުރިކަން އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި މަރުކަޒުތަކުގައި ޚިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތްކުރާ މީހުންނަކީ ކަމާގުޅޭ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ޤާބިލް ބަޔަކަށް ހެދުމަކީ އެ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އިސްކަންދެއްވާ ކަމެއް ކަމަަށް ވެސް ވަނީ ފާހަގަކޮށްފައެވެ.