27 May 2012, 17:34
ސަން ޓީވީ އާއި ސަން ޓީވީ ޕްލަސްގެ ނަމުގައި ދެ ޓީވީ ޗެނެލް ބްރޯޑް ކާސްޓުކުރުމުގެ ހުއްދަ ޕިކްޗާ ލޭންޑް، އެފްއެމް ޕްރައިވެޓް ލިމިޓެޑަށް ދީފި އެވެ.
ޕިކްޗާ ލޭންޑަށް ދެ ޓީވީ ޗެނެލް ހިންގުމުގެ ހުއްދަ މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނުން ދީފައި ވަނީ މިއަދު އެވެ.
އެ ދެ ޗެނަލަށް ހުއްދަދީފައި ވަނީ މުޅި ރާއްޖެ އަށް ސެޓަލައިޓާއި ކޭބަލް ވިއުގައަކުން ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އެވެ.
ސަން ޓީވީ އާއި ސަން ޓީވީ ޕުލަސް އަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ އާ ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރި 11 ވަނަ ޓީވީ ސްޓޭޝަނެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓިން ލައިސަންސަށް އެދުމަށް ހުޅުވާލި ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވި އިރު، 32 ފަރާތަކުން ބްރޯޑްކާސްޓިންގެ ލައިސަންސަށް އެދިފައިވެ އެވެ. އޭގެ ތެރޭގައި މުޅިން އަލަށް 18 ޓީވީ ޗެނަލަކާއި ދެ ރޭޑިއޯ ޗެނަލެއް ބްރޯޑްކާސްޓު ކުރުމަށް އެދިފައިވެ އެވެ.
ބްރޯޑްކާސްޓިން ލައިސަންސަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ލައިސަންސް ދޫކޮށްފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީގެ) ޓީވީއެމް އަށާއި ދިވެހިރާއްޖޭގެ އަޑުގެ އިތުރުން ދިވެހި އެފްއެމް ނުވަތަ ކުރީގެ ރާއްޖެ އެފްއެމް އަށެވެ. އަދި ރާއްޖެ ޓީވީ އަށާއި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަރިސް ބޭފުޅުންކޮޅެއް އުފައްދަވާ "ޓީވީ 5" އަށާއި އިސްލާމީ ފައުންޑެޝަނުން އުފައްދާ އެމްވީޓީވީ އަށާއި ދިއެފްއެމް އަށާއި ރޭޑިއޯ އެޓޯލްއާއި ޓީވީ "ޗެނެލް "9 އަށް ވެސް ވަނީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދީފަ އެވެ.
ސަންގެ ކުޑައިގެ ދަށުން މިހާރު ހިންގާ މީޑިއަމްތަކުގެ ތެރޭގައި ސަން އޮންލައިންގެ ދިވެހި އަދި އިނގެރޭސި އެޑިޝަން އާއި ސަން އެފްއެމް ރޭޑިއޯ އާއި މަހަކު ދެ ފަހަރު ނެރޭ މެގަޒިން "ސަން" ހިމެނެ އެވެ.