ކޮމާޝަލް ސްޕައިންގެ ނަމުގައި ހުޅުމާލޭގައި ވިޔަފާރި މަރުކަޒެއް ތަރައްގީކުރުމަށް 50 މިލިއަން ޑޮލަރުގެ މަޝްރޫއެއް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ ހަވާލުކޮށް މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫއުގައި ސޮއިކުރީ މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ކޮމާޝަލް ސްޕައިންގެ ނަމުގައި ހިންގާ މި މަޝްރޫއަކީ ހުޅުމާލޭގައި ހިންގާ މަޝްރޫއެކެވެ. ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ މި މަޝްރޫއަކީ 50 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ.

މި މަޝްރޫއުގެ ބޭނުމަކީ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމުގެ ބޭނުމުގައާއި ޓޫރިޒަމްގެ މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރަށް ވަޒީފާ އުފެއްދުމެވެ. އަދި މާލެ ކައިރިން ވަޒީފާގެ ފުރުސަަތުތައް ފަހިކޮށްދިނުމެވެ.

މި މަޝްރޫއު ނިމުމުން މި ސަރަހައްދު ވާނީ، އެއް ތަނެއްގައި ރާއްޖޭގައި ތަރައްގީކުރެވިފައިވާ އެންމެ ބޮޑު ވިޔަފާރި ޒޯނަށެވެ.

ކޮމާޝަލް ސްޕައިން ޕްރޮޖެކްޓްގައި ހިމެނޭ ކަންކަން:

މި މަޝްރޫއުގެ ތެރެއިން ގުޅިފައިވާ ހަތް އިމާރާތެއް ތަރައްގީކުރާނެއެވެ. އޭގެ ތެރޭގައި ވިޔަފާރިއަށް ދޫކުރާ ހަ އިމާރާތަކާއި ސަޕޯޓިން އިމާރާތެއް ތަރައްގީކުރާނެއެވެ. މި ހުރިހާ އިމާރާތްތައް ވެސް ހުންނާނީ ބްރިޖުތަކުން ގުޅިފައެވެ.

މީގެ އިތުރުން ތިން ފަންގިފިލައާއި، ހަތަރު ފަންގިފިލާގެ އިމާރާތްތައް ވެސް ތަރައްގީކުރާނެއެވެ. މި އިމާރާތްތައް ފަރުމާކުރާނީ ރާއްޖޭގެ އިހުގެ އިމާރާތްތަކުގެ ފަރުމާކުރުންތައް ވެސް ރަމްޒުވާ ގޮތަށެވެ.

މި ތަނުގައި ރީޓެއިލް ވިޔަފާރިތަކަށް ފުރުސަތު ދިނުމާއި، ކުޅިވަރު ހަރަކާތްތަކަށް ވަސީލަތްތައް ތަރައްގީކުރުން ހިމެނެއެވެ. ހަމައެއާއެކު ބޭންކިންގެ ޚިދުމަތްތައް ވެސް ގާއިމްކުރާނެއެވެ.

މި މަޝްރޫއުގެ ތެރެއިން، 290،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއް، ވިޔަފާރިކުރާނެ ޖާގަތަކާއި، އާންމު ޖާގަތައް ހިމެނޭހެން ތަރައްގީކުރާނެއެވެ.

މި މަޝްރޫއަށް 'ސްޕައިން'ގެ ނަން ދެވުނީ މަޝްރޫއުގެ ތެރެއިން އިމާރާތްތަައް ތަރައްގީކުރާ ގޮތާއި، ޚިދުމަތްތައް ގުޅިލާމެހިފައިވާ ގޮތުންނެވެ.

މި މަޝްރޫއުގެ ސަބަބުން ހޫލުމާލޭގައި ހުރި ލޯކަލް ގެސްޓު ހައުސް ވިޔަފާރިތަކަށް ވެސް އެ ކަމުގެ ހެޔޮ އަސަރުކުރާނެއެވެ.

މަޝްރޫއު ނިންމުމަށްފަހު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ތަންތަން ކުއްޔަށް ދޫކުރާނެއެވެ. އޭގެ މައިގަނޑު ބޭނުމަކީ ބޮޑެތި ބްރޭންޑްތަކާއި، ރާއްޖޭގެ ވިޔަފާރިތަކަށް ވެސް ފުރުސަތު ދިނުމެވެ.