27 May 2012, 17:16
މިހާރު ބޭނުން ކުރަމުން އަންނަ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑެންޓިޓީ ކާޑްތައް ސްމާޓް އައިޑީ ކާޑަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވީ ހުރިހާ އައިޑީ ކާޑް، ސްމާޓް އައިޑީ ކާޑެއްގެ ގޮތުގައި ތައްޔާރުކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ބަދަލާއެކު ކާޑުގައި ފިންގާ ޕްރިންޓް ހިމަނައި ކާޑު މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ލިބޭނެ ގޮތަށް ގޮތަކަށް ފަރުމާ ކުރައްވާނެ ކަމަށެވެ.
މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) ވިދާޅުވީ އައިޑީ ކާޑްތައް ސްމާޓް އައިޑީ ކާޑަށް ބަދަލުކުރާއިރު ފިންގާ ޕްރިންޓް ނެގުމުގެ މަސައްކަތް ފުލުހުންގެ މުއައްސަސާއާ ގުޅިގެން ކުރުމުގެ ހިޔާލު އޮތް އިރު ނެޝަނަލް ރެޖިސްޓްރޭޝަނުން އެކަން ކުރުމުގެ ވިސްނުން ވެސް އެބައޮތް ކަމަށެވެ.
އެފްއޭ އަދި ވިދާޅުވީ ފިންގާ ޕްރިންޓް ނަގާނެ ގޮތަކާއި މެދު ވިސްނާއިރު ހުރިހާ އެންމެންގެ ކާޑްތައް އެއްފަހަރާ ސްމާޓް ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
"ފިންގާ ޕްރިންޓް ނެގުމުގެ މަސައްކަތަކީ ބޮޑު މަސައްކަތަކަށް ވާނެ. ކޮންގޮތަކަށްތޯ އެންމެ ފަސޭހައިން އެކަންތައް ކުރެވޭނީ ބަލަނީ. އެއް ވިސްނުމަކީ ފުލުހުންގެ އިދާރާއިން އެކަން ކުރެވޭ ގޮތަކަށް ހެދުން. އެއްގޮތަކީ ފިންގާ ޕްރިންޓް ފުލުހުންގެ އިދާރާއަށް ދީފައި ދެން އައިޑީ ކާޑް ހެދުން. ނުވަތަ ނޭޝަނަލް ރެޖިސްޓްރޭޝަނުން އެކަން ކުރުން،" އެފްއޭ ވިދާޅުވި އެވެ.
ނަމަވެސް އެކަން ކުރާނެ ތާރީހެއް ވެސް އެ މަސައްކަތް ކުރާނެ ގޮތުގެ ތަފުސީލެއް ވެސް އެފްއޭ ނުދެއްވަ އެވެ.
މީގެ ކުރިން އައޑީ ކާޑް ހެއްދުމުގައި ކުރިމަތި ވެފައިވާ ގޮންޖެހުންތަކަށް އަލި އަޅުވައިލައްވާ މިނިސްޓަރު ޖަމީލު ވިދާޅުވީ އާ ސަރުކާރުން މަސައްކަތާ ހަވާލުވި އިރު ރައްޔިތުންގެ ތެރެއިން 23000 މީހުންގެ ކާޑް ނުނިމި ދިގު ކިޔޫއެއްގައި އޮތް ނަމަވެސް އެ އަދަދު މިހާރު 3000 ތިރި ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން މައްސަލަ އެއް ނެތް ހާހެއްހާ ކާޑުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.