09 Jan 2024, 09:37
ޗައިނާއާއި ރާއްޖެއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރި ނުވަތަ ފްރީ ޓްރޭޑު އެއްބަސްވުމަކީ ދެ ގައުމުގެ ގާތް ގުޅުމުގެ ރަމްޒެއް ކަމަށާއި އެއަށް އަމަލުކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާއާ އެކު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ރައީސް މުއިއްޒު ގެންދަވަނީ އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ޗައިނާއަށް ކުރައްވަމުންނެވެ.
ދަތުރުފުޅުގެ ތެރެއިން 'އިންވެސްޓް މޯލްޑިވްސް 2024' ގެ ނަމުގައި ޗައިނާގެ ފޫޖޯ ޕްރޮވިންސްގައި އޮތް ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކުރެވިފައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ގައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އެއީ، ސައުތު އޭޝިއާގެ ގައުމަކާ އެކު ޗައިނާއިން ހެދި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުންކަން ވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
"މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އަމާޒަކީ ދެ ގައުމުގެ ވިޔަފާރިއާއި އިންވެސްޓްމެންޓު އިތުރުކުރުން. ހާއްސަކޮށް، އަޅުގަނޑުމެން ޗައިނާއަށް އެކްސްޕޯޓުކުރާ ކަނޑު މަސް އިތުރުކުރުމަކީ މުހިއްމު އަމާޒެއް،" ރައީސް ވިދާޅުވިއެވެ.
އެހެންވެ، އެ މަނިކުފާނު ވިދާޅުވީ، މިހާރު ރާއްޖޭގައި އޮތް ސަރުކާރުން އެ އެއްބަސްވުމަށް އަމަލުކުރަން ތައްޔާރަށް އޮތް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، 'އިންވެސްޓް މޯލްޑިވްސް 2024' ގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
"އަޅުގަނޑުގެ ސަރުކާރުން ތިބީ [މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް] އަވަހަށް އަމަލުކުރަން ފަށަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް، ޗައިނާގެ ގްލޯބަލް ޑިވޮލޮޕްމަންޓު އިނިޝިއޭޓިވްއާއި އޭޝިއަން އިންފްރާސްޓްރަކްޗަރު ބޭންކަކީ ވެސް ރާއްޖޭގައި ކުރިއަށްގެންދިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މުހިއްމު ބައިވެރިއެއްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކާށް ފަހު ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އެކަމަކު، އެއަށް ފަހުގައި އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ.