27 May 2012, 16:45
ސަރުކާރުން ސިފައިންގެ އާއިލާތަކަށް އަޅައިލާ މިންވަރު އިތުރުކޮށް، ސިފައިންގެ ވެލްފެއާ އިތުރަށް ރަނގަޅު ކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ގައުމީ ދިފާއީ ބާރުގެ އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް އެޑިޔުކޭޝަންގެ ފަރާތުން ހިންގި 57 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިން، ސިފައިންގެ ހުވާ ކުރުމާއި، ބަޑި ޙަވާލުކުރުމަށް މިއަދު ހެނދުނު ސިފައިން މަރުކަޒު ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ:
" ސިފައިންގެ ޢާއިލާތަކަށް ސަރުކާރުން އަޅާލާ މިންވަރު އިތުރުކޮށް، ސިފައިންގެ ވެލްފެއާ ކަންތައްތައް ރަނގަޅު ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އިސްކަންދޭނެ ކަމެއް،"
ސިފައިންގެ ވެލްފެއާ އާއި އާއިލާތަކަށް ދޭ އެހީތަކުގެ ތަފުސީލެއް ނުދެއްވާ ރައީސް ވަހީދު ވިދާޅުވީ ސިފައިންނަކީ ޚިދްމަތުގެ ދާއިރާ ވަރަށް ފުޅާ ބައެއް ކަމަށާއި ރއްޔިތުންނަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ހުރިތަނަކުން ތައްޔާރުވެ އެއްގަމާއި ކަނޑާއި ވައިގައި ހިދުމަތް ކުރާ ބައެއް ކަމަށެވެ.
"ކުރަންޖެހޭ ކަންތައްތަކާއި އަޅަންޖެހޭ ފިޔަވަޅުތަކާއި ވާންޖެހޭ ގުރުބާނީއަކީ ހިތަށް ވެސް ނާރާ ކަންތައްތަކަކަށް ވެގެންދާ ފަހަރު އަންނަނީ މަދެއްކޮށެއް ނޫން. ކޮންމެ ސިފައިންގެ މީހަކު ގައުމީ ޚިދުމަތަށް ނުކުމެ ހުންނައިރު، އެމީހެއްގެ ފަހަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެމުން ގެންދާ ފަރާތަކީ އެބޭފުޅުންގެ ޢާއިލާތައް. ސިފައިންގެ ބޭފުޅުންގެ މައިންނާއި ބަފައިންނާއި، ފިރިންނާއި އަނބިދަރިން. އެކިއެކި ޙާލަތްތަކުގައި ރައްޔިތުން ކަންބޮޑުވެ ގޮތް ހުސްވެގެންދާއިރު، ސިފައިންގެ ބޭކަލުންނާއި ބޭކަނބަލުން އެންމެ އަޅާނުލެވެނީ، އެބޭފުޅުންގެ އަމިއްލަ ޢާއިލާތަކާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ސިފައިން، އެމީހުންގެ ހުވާގެ މަތީގައި ސާބިތުވެ ތިބި މިންވަރު ތާރީހުން ފެންނަން އެބައޮތް ކަމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި، ސިފައިން ވެފައިވާ މަތިވެރި ޤުރްބާނީ އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ޙިމާޔަތްކޮށް ދިފާއު ކުރުމުގައި، ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދު ތާރީހުގެ ކޮންމެ ހިސާބަކަށް ބަލައިލިޔަސް ފެންނާން އެބައޮތް ކަމަށެވެ.
" ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ޤާނޫނާ ޚިލާފު ކޮންމެ ކަމަކުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ޙިމާޔަތްކޮށް، ދިވެހި ސިފައިން ނަގަހައްޓާފައިވާ މަންޒަރު. ދިވެހި ދައުލަތަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އަވަސް އަދި ކުއްލި ޚިދުމަތް ފޯރުކޮށް ދިނުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުންމަތީ ދިވެހި ސިފައިން ކެރިގެން ސާބިތުވެ ތިބިތަން،" ރައީސް ތަފުސީލެއް ދެއްވެވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިފައިންނަކީ ގައުމަށްޓަކައި އެހެން އެއްވެސް ބަޔަކު ނުވާފަދަ މަތިވެރި ގުރުބާނީތައް ވެފައިވާ ބައެއް ކަމަށާއި 1892 ވަނަ އަހަރު ސިފައިން އުފެދުމަށްފަހު، މާތްވެގެންވާ އިސްލާމް ދީނާއި، ވަތަނަށްޓަކައި ފުރާނައިން ގުރުބާންވެފައިވާ ހަމައެކަނި ބަޔަކީ ދިވެހި ސިފައިން ކަމަށެވެ. އަދި އެމަނިކުފާނު އެދި ވަޑައިގެންނެވީ ސިފައިން އެމީހުންގެ ހުވާގެ މަތީގައި ސާބިތުވެ ތިބުމަށެވެ.
"ސިފައިންނަކީ މި ޤައުމުގެ ދިފާއީ އައްޑަނަ. ސިފައިންނަކީ މި ޤައުމުގެ ކީރިތިކަމާއި މޫރިތިކަމުގެ ނިޝާން. މި ޤައުމުގެ ޝާނާއި ޝައުކަތު. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމުދެކެ ލޯބިވާ ކޮންމެ ދަރިއަކު، ދިވެހި ސިފައިންގެ އަގުހުރި ހިދުމަތަށް ފަޚުރުވެރިވޭ.
ތިޔަ ބޭކަލުން ސިފައިންގެ ޚިދްމަތަށް ތިޔަ ނުކުންނަވަނީ، ޒުވާންކަމުގެ ޖޯޝީ ލެޔާއެކު. މިއަދު ތިޔަ ބޭކަލުންގެ ކުރިމަތީގައި މި ޤައުމުގެ އިޖުތިމާއީ ފޭރާން އޮތް ދެރަ ހާލަތު މިއޮތީ ފެންނަން. އަޅުގަނޑުގެ އިލްތިމާސަކީ، ކެތްތެރިކަމާއި އިހުލާޞްތެރިކަމާއެކު، ސިފައިންގެ ކޮންމެ ފަރުދަކުވެސް ސިފައިންގެ ޤާނޫނީ ހުވާގެ މަތީގައި ސާބިތުވެތިބުން،"