ދިވެހީންނަކީ ފެންވެރުމާ ވަރަށް އެކުވެރި ބައެކެވެ. ހަމަ ގަވާއިދުން ކޮންމެ ދުވަހަކު ވެސް ފެންނުވަރާ މީހެއް މަދުވާނެއެވެ. ނަމަވެސް ފެންވަރާއިރު އެންމެ އެކަށީގެންވާ ވަރަށް މީހާގެ ހަށިގަނޑު ސާފުކުރެވޭ ހެއްޔެވެ؟ އޭގެ ތެރެއިން ވެސް ފޫޅަށް ބޮޑު ސަމާލު ކަމެއް ދެވޭ ހެއްޔެވެ؟

ފެން ވަރައި މީހާ ރީތިިވާއިރު މުޅި ގައި އެއްކޮށް ސާފުކޮށް ހެދުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް މުޅި މީހާގެ ގައި ދޮވެ ސާފު ކުރާއިރު ބައެއް ފަހަރު ގިނަ ބަޔަކު ހަނދާން ނެތޭ އެއް ތަނަކީ ފޫޅެވެ. ނަމަވެސް މިއީ އެއްގޮތަކަށް ވެސް ހަނދާން ނައްތާލަން ރަނގަޅު ކަމެއް ނޫނެވެ.

ފެންވަރާއިރު ރަނގަޅަށް ގައި ސާފު ކުރާއިރު ވެސް ފޫޅަކީ އެންމެ ގިނަ ފަހަރަށް ހަނދާން ނެތޭ އެއް ތަނެވެ. މިއީ ފަސޭހައިން ފެން ވަންނަން އުނދަގޫ ތަނަކަށް ވާއިރު ފަސޭހައިން ކުނި އަދި ޖަރާސީމު އެއްވާ ތަނެކެވެ.

މިގޮތަށް އެކި ކަހަލަ ކިލާ އަދި އަދި ޖަރާސީމުތައް އެއްވެ މާ ގިނަ ދުވަސް ވަންދެއް ނުދޮވެ ހުރެއްޖެ ނަމަ ފޫޅުން ވަސް ދުވަން ވެސް މެދުވެރިވާނެއެވެ. ނަމަވެސް މިއީ ދޮވެލައިގެން ފިލާނެ އެއްޗެކެވެ. އެކަމަކު ފޫޅު ރަނގަޅަށް ސާފު ނުކުރެވޭ ނަމަ އޭގެ ސަބަބުން އެހެން ގެއްލުންތައް ވެސް ކުރިމަތިވުން އެކަށީގެންވެއެވެ.

ސާފުނުކޮށް ގިނަ ދުވަސް ވަންދެއް ހުރެއްޖެ ނަމަ ފޫޅުގައި އިންފެކްޝަނެއް ވެސް އުފެދިދާނެއެވެ. މެޑިކަލް ނިއުސް ޓުޑޭއިން ރިޕޯޓު ކުރާގޮތުގައި އިންފެކްޓު ވެގެން ގޮސް ބައެއް ފަހަރު ސިސްޓް ކޮޅެއް ނުވަތަ ނުރައްކާތެރި ބިއްސެއް ނެގުން ވެސް އެކަށީގެންވެއެވެ.

މިފަދަ ހާލަތެއްގައި ސިސްޓެއް ނަގައިފި ނަމަ އަމިއްލައަށް މި ފަޅައިލަން އުޅެގެން ނުވާނެ ކަމަށް ރިޕޯޓު ކުރެއެވެ. އަދި، ވަގުތުން ޑޮކްޓަރަކަށް ދެއްކުމަށް ލަފާ ދެއެވެ.

އެހެންވީމާ ފޫޅު އެންމެ ރަނގަޅަށް ދޮންނާނީ ކިހިނެއް ހެއްޔެވެ؟

ބައެއް މީހުން ލަފާ ދޭ ގޮތުގައި ފެން ވަރާއިރު ސައިބޯނި ބޭނުން ކޮށްގެން ފޫޅު ވެސް ސާފު ކުރުން ރަނގަޅެވެ. މިކަމަށް ކުޑަ ފޮތިކޮޅެއް ނުވަތަ ޓިޝޫކޮޅެއްގައި ސައިބޯނި ހާކައި ފޫޅުތެރި ސާފުކޮށްލެވިދާނެއެވެ. ފެންވަރާ ކޮންމެ ފަހަރަކު މިއީ ކުރަން މުހިއްމު ކަމެކެވެ.