އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ)ގެ ގާނޫނީ ހައިސިޔަތާ މެދު ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅި މައްސަލަ އެޓާނީ ޖެނަރަލް އޮފީހުން (އޭޖީ) ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ދިގުދައްމާލަން އިދިކޮޅު އެމްޑީޕީ އިން ހުށަހަޅައިފި އެވެ.

ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީ އިން ޖެހި ކޭމްޕްތައް ރޫޅާލި މައްސަލަ ޑރ. ޑީޑީ ސޮއިކުރައްވައި އެމްޑީޕީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވުމަކީ މައްސަލަ ކުރިއަށް ނުގެންދެވޭންވީ ސަބަބެއް ނޫން ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން އޭޖީ އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ވަނީ އެ މައްސަލަ ތާވަލް ކޮށްފަ އެވެ.

ނަމަވެސް ހައިކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭޖީ އިން އިސްތިއުނާފު ކުރި މައްސަލައިގެ ޝަރީއަތް މިއަދު މެންދުރު ފަހު 14:15ގައި ބޭއްވުމަށް ތާވަލު ކުރުމަށް ފަހު މައްސަލަ ކެންސަލް ކުރީ އެމްޑީޕީ އިން އެދިގެން ކަމަށެވެ.

"އެމްޑީޕީ އިން އޮތީ ސިޓީއެއް ފޮނުވާފައި މައްސަލަ އަންނަ މަހުގެ އެކެއްގެ ފަހުން ބާއްވައި ދިނުމަށް،" އޮފިޝަލް ވިދާޅުވި އެވެ. އެހެން ނަމަވެސް މައްސަލަ ފަސްކުރުމަށް އަންގާފައި ވަނީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއްނުވެ. އަދި އެމްޑީޕީގެ އެއެއް ވެސް އޮފިޝަލަކާ ގުޅޭގޮތް ނުވުމުން މައްސަލަ ފަސްކޮށްދިނުމަށް އެދުނީ ކީއްވެގެން ކަން ވެސް ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ޑރ. އިބްރާހިމް ދީދީގެ ގާނޫނީ ހައިސިޔަތާ މެދު ސުވާލު އުފައްދައި ސިވިލް ކޯޓުގައި ނެގި އިޖްރާއީ ނުކުތާގައި އޭޖީ އިން ބުނެފައި ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އިރު އިލެކްޝަނުގައި އޮތީ އެމްޑީޕީގެ ކުރީގެ އަސާސީ ގަވާއިދު ކަމަށެވެ. އަދި ޑރ. ޑީޑީ އިންތިހާބުކޮށްފައި ވަނީ ފަހު އަސާސީ ގަވާއިދުގެ މަތީން ކަމަށްވިއަސް އެ ގަވާއިދު އިލެކްޝަނުގައި ދަފްތަރު ނުކުރާތީ އެ އަސާސީ ގަވާއިދު ސައްހަ ކަމަށް ނުބެލޭނެ ކަމަށް އޭޖީ އިން ވަނީ ސިވިލް ކޯޓުގައި ބުނެފަ އެވެ.

ނަމަވެސް ސިވިލް ކޯޓުން އެ އިޖުރާއީ ނުކުތާގައި ނިންމާފައި ވަނީ އަސާސީ ގަވާއިދު އިލެކްޝަނުގައި ދަފުތަރުކޮށްފައި ނެތުމަކީ އެ އަސާސީ ގަވާއިދު ސައްހަ ނޫން ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދުން އެނގެން ނެތް ކަމަށެވެ.