ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ސްޕޯޓްސް ވެޓެރަންސް އެމްބެސެޑަރުންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ އެ މަސައްކަތުގެ ދަށުން އެކުލަވާލަން ޖެހޭ ކަރުދާސް މިހާރު ކެބިނެޓަށް ހުށަހަޅުއްވާފައިވާނެ ކަމަށާއި އެ ދަފުތަރު އެކުލަވައިލެއްވުމަށް ރައީސް މުއިއްޒު ނިންމެވި ސަބަބަކީ ރާއްޖޭގެ އެތުލީޓުން ކުޅިވަރުގެ ކެރިއަރު ނިންމާލާ ހިސާބުން އެމީހުން ދެން ކުރާނެ މަސައްކަތަކީ ކޮބައިކަން ދެނެގަތުން ކަމަށެވެ.

"ކުޅިވަރު ކުޅޭ އިރުގައި އެ ކުދިން އެ ކުރަނީ ރާއްޖެއަށް ރީތި ނަން ހޯދައިދޭން ވަރަށް ވެސް ބުރަ މަސައްކަތެއް. ވަރަށް ބޮޑު ސެކްރިފައިޒެއް އެ ކުރަނީ. ބައެއް ކުދިންނަކީ ނޯމަލް ސްކޫލުން ބޭރުގައި، އޮންލައިންކޮށް ކިޔަވާ ކުދިން. ބައެއް ކުދިން އާއިލާއާ ބޭރުގައި، އަދި ބައެއް ކުދިން މި ސޮސައިޓީއާ ވެސް ދުރުގައި ޕްރެކްޓިސް ކުރުމަަށާއި މުބާރާތްތަކަށް ރާއްޖެ ރިޕްރެޒެންޓް ކުރަން ގޮސް، ރީތި ވަނަތަކެއް ހޯދައި ރާއްޖެއަށް ރީތި ނަން ހޯދައިދޭން އެ ކުރާ ބުރަ މަސައްކަތް، އެ ކުރާ ސެކްރިފައިޒް، އެބޭފުޅުންގެ ނުވަތަ އެ ކުދިންގެ ކެރިއަރު ނިމޭ ހިސާބުން ދެން ސަރުކާރުން ނޫނީ ދައުލަތުން އެމީހުންނަށް ކޮށްދެނީ ކޮން ކަމެއްތޯ ބަލަންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ ވެޓެރަންސް އެމްބެސެޑާސްގެ ދަފުތަރު އެކުލަވާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މުޖުތަމައުގައި އެމީހުންނަށް ދޭންޖެހޭ ގަދަރާއި އިހުތިރާމު ދެވޭނެ ގޮތަށް އިންތިޒާމުތައް ރާވަން ޖެހޭ ކަމަށެވެ. އަދި އެތުލީޓުންގެ ކެރިއަރު ނިންމާލާ އިރުގައި، އަމިއްލަގޮތުން ކުރެވޭނެ މާބޮޑު މަސައްކަތެއް ނޯންނަކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އެހެންވީމާ ކެރިއަރު ނިންމާލާ ހިސާބުން ދިރިއުޅުމަށް ބަދަލު އަންނަ އިރުގައި، ކޮންމެވެސް ކަހަލަ ކަމެއް އަމިއްލަގޮތުން ވެސް އިންކަމް ޖެނެރޭޓް ކުރެވޭނެ ކަމެއް ކުރެވެން އެބަ ޖެހޭ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމާ ވަކި ލެވެލެއްގައި ކުޅިވަރުގެ ދާއިރާއިން ރާއްޖެ ރިޕްރެޒެންޓް ކޮށްފައި ތިއްބަވާ ބޭފުޅުން، އެބޭފުޅުންނަށް ދެވޭނެ އިހުތިރާމާއި އެކަން ގަބޫލުކުރެވޭނީ ކޮންކޮން ގޮތަކުންތޯ ބަލައި އެކަން ކަނޑައެޅުމަށްޓަކައި މި ޕްރޮގްރާމު އަޅުގަނޑުމެން ހުޅުވާލަން ބޭނުންވަނީ،" ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވަޒީރު ރާފިއު އިތުރަށް ވިދާޅުވީ ސްޕޯޓްސް ވެޓެރަންސް އެމްބެސެޑަރުންގެ ދަފުތަރު އެކުލަވާލުމަށް އެކަމާ ގުޅޭ ކްރައިޓީރިއާ ވެސް ސްޕޯޓްސް ކައުންސިލުން މިހާރު ނިންމާފައިވާ ކަމަށާއި ކުރިއަށްއޮތް ކެބިނެޓް ބައްދަލުވުމުގައި އެ ކްރައިޓީރިއާގެ ކަރުދާސް ހުށަހަޅުއްވާނެ ކަމަށެވެ.