މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ގ. ވޭރު، އަބްދުލް މުހީތު މަރާލިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ތިން ކުދިން ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދީފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު 1:00 ގައި ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް ތަފްސީލީ ގޮތެއްގައި ޖަވާބުދާރީ ވުމަށް 20 ދުވަހުގެ ފުރުސަތު ދައުވާލިބޭ ތިން ކުދިންނަށް ވެސް ކޯޓުން ދީފައިވާ ކަމަށެވެ.

ކުދިންނަށް ފުރުސަތު ދިނުމަށްފަހު މައްސަލަ އަލުން ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ 17 ވަނަ ދުވަހަށެވެ. އެ ދުވަހު އޮންނާނީ ދައުވާއަށް ތަފްސީލީ ގޮތެއްގައި ތިން ކުދިން ޖަވާބުދާރީވުމެވެ.

އެ ތިން ކުދިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް އެކުދިން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މި ކުދިންގެ އިތުރުން މައްސަލައިގައި ދައުވާ ލިބެނީ ގދ. ގައްދޫ އަބުލަޣީގޭ، މުހުޖަތު އަހުމަދު ނާސިހު 18، އާއި ސ. މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފަޢު 20، އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫން 19، އިގެ މައްޗަށެވެ. އެމީހުންގެ ޝަރީއަތް އަދި ނުފަށަ އެވެ.

ދައުވާ ލިބޭ ކުޑަކުދިންގެ ތެރެއިން އެކަކުގެ މައްޗަށް ދައުލަތުން ވަނީ އިތުރު ދައުވާތަކެެއް ވެސް އުފުލައިފަ އެވެ. އެއީ ޓެރަރިޒަމްގެ ދައުވާއާ މީހަކު މަރާލެވިދާ ފަދަ އެއްޗަކާއެކު ޣައިރުގާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ދައުވާއާ އަދި މީހަކު މަރާލެވިދާ ފަދަ އެއްޗަކާ އެކު މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

މުހީތު (ފޮޓޯގައި) މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ހުރިހާ މީހުން ވެސް މިހާރު ތިބީ ހައްޔަރުކޮށްފަ އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހުގެރޭ މުހީތު މަރާލާފައި ވަނީ އަމީނީމަގު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީގެނެވެ.