08 Jan 2024, 12:43
ޗައިނާއަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ފުޖިއަން ޕްރޮވިންސްގައި ހުންނަ ޝިއަމެން ފްރީ ޓްރޭޑް ޒޯނަށް ޒިޔާރަތްކުރައްވައި, ތަނުގެ މައުލޫމާތު ސާފުކުރައްވައިފިއެވެ.
އެ މަނިކުފާނު މިއަދު ހެނދުނު ޗައިނާއަށް ވަޑައިގެންނެވިއިރު، ހޫނު މަރުހަބާއެއް އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ރައީސްގެ ދެކަނބަލުންނަށް ކިޔައިފައެވެ.
އެއާއެކު، އެންމެ ފުރަތަމަ ތަނަކަށް ދަތުރުފުޅުގެ ތެރެއިން ރައީސް ޝިއަމެން ފްރީ ޓްރޭޑް ޒޯނަށް ޒިޔާރާތްކުރެއްވިއިރު، އެ މަނިކުފާނުވަނީ އެ ތަނަކީ ކޮބައިކަން އަންގައިދޭ ވީޑިއޯއެއް ބައްލަވައިލައްވައިފައެވެ.

ރައީސް ޑރ. މުއިއްޒުގެ ޗައިނާގެ ފުޖިއަން ޕްރޮވިންސްގައި ހުންނަ ޝިއަމެން ފްރީ ޓްރޭޑް ޒޯނަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
އަދި ޕްރެޒެންޓޭޝަނެއް ބައްލަވައިލައްވައި، އެ ޒޯނުގެ މުހިންމު ތަންތަނާއި، އެ ތަނުގައި ކުރާ ކަންކަން ވެސް ބައްލަވައިލެއްވިއެވެ.
ފްރީ ޓްރޭޑް ޒޯނަކީ ކަސްޓަމްސް ފަދަ އިދާރާތަކުގެ އިދާރީ މަރުހަލާތައް ނުހިނގާ ގޮތަށް، ނުވަތަ ވިޔަފާރިއަށް ވީހާ ވެސް ފަހިވާނެހެން، މުދާ އެތެރެކުރުމާއި، އޭގެން އުފެއްދުންތައް އުފައްދައި، ބޭރުކުރުމާއި، ރީއެކްސްޕޯޓްކުރުން ފަދަ ކަންކަން ކުރާ ޚާއްސަ ސަރަހައްދެކެވެ.
އެކި ގައުމުތަކުގައި ފްރީ ޓްރޭޑަށް ކަނޑައަޅާ މިންގަނޑުތައް ތަފާތެވެ.
ރާއްޖޭގައި ވެސް އެ ފަދަ ފްރީ ޓްރޭޑް ޒޯނެއް ގާއިމްކުރުމަކީ މި ސަރުކާރުން ވެސް ވިސްނުން ބައްޓަންކުރަމުން އަންނަ ކަމެކެވެ. ހަމައެއާއެކު އެސްއީޒެޑްގެ ތެރެއިން، ޚާއްސަ ޒޯންތައް ވެސް އަންނަނީ ކަނޑައެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި އިގްތިޞާދާ ގުޅުންހުރި މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. އަދި މުހިންމު އެއްބަސްވުންތަކުގައި ސޮއި ވެސް ކުރާނެއެވެ.