27 May 2012, 15:53
އިމިގްރޭޝަނުން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރި 39 މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލް ސިސްޓަމުގެ މައްސަލާގައި އެންޓި ކޮރެޕްޝަން ކޮމިޝަން (އޭސީސީގެ) އެންގުންތަކަށް ސަރުކާރުން ފުރިހަމައަށް ބޯލަނބާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި ސަން އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އޭސީސީ އިން ކޮންމެ ކަމަކަށް އެދުނު ނަމަވެސް އެކަމަށް އެއްބާރުލުން ދެއްވާފައިވާނެ ކަމަށާއި އަދި އޭސީސީ އިން އަންގާ އެއްވެސް ކަމަކާ މެދު ސަރުކާރާއި އެހެނިހެން މުއައްސަސާއަކުން ވެސް އެކަމަކަށް ދެކޮޅު ހައްދައިގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން އޭސީސީގެ ކޮންމެ ނިންމުމަކަށް ތަބާވާނެ. ސަރުކާރުގެ ޕޮލިސީއަކީ ކޮރޮޕްޝަން ހުއްޓުވުމަށް ޓަކައި ކިތަންމެ އުނދަގޫ ނިންމުމެއް ނިންމަން ޖެހުނު ކަމަށް ވިޔަސް އެނިންމުމެއް ނިންމުން. ސަރުކާރުގެ ޕޮލިސީއަކީ އޭސީސީގެ ނިންމުންތަކަށް ތަބާވުން،" ޖަމީލް ވިދާޅުވި އެވެ.
ދާހިލީ ވަޒީރު ވިދާޅުވީ އޭސީސީގެ އެދުމުގެ މަތިން ފުލުހުންގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށާއި އެއީ އެއްވެސް މިންވަރަކަށް ހިފެހެއްޓުމެއް ނެތި ފޯރުކޮށްދެން ޖެހޭ އެހީތެރިކަމެއް ކަމަށާއި މިހާތަނަށް ވެސް އެކަން އެގޮތަށް ކޮށްދެއްވާފައިވާނެ ކަމަށެވެ.
"ބޯޑާ ކޮންޓްރޯލް މައްސަލާގައި ފޮނުވި ސިޓީ އާ ގުޅިގެން އަޅުގަނޑު މީގެ ކުރިން ވެސް ވާނީ އެދިފައި އެ މަސައްކަތް އެންޓި ކޮރެޕްޝަން ކޮމިޝަނުން އެދިވަޑައިގެންނަވާ ގޮތަށް ކުރިއަށް ނުގެންގޮސް މަޑުޖެއްސުމަށް،" ޖަމީލު ވިދާޅުވި އެވެ.
ބޯޑާ ކޮންޓްރޯލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ހޯމް މިނިސްޓްރީ އިން އިމިގުރޭޝަން ޑިޕާޓްމަންޓަށް ކުރިން ސިޓީއަކުން ދެންނެވި ނަމަވެސް އެ މަސައްކަތުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ވަނީ ގެންގޮސްފަ އެވެ. އަދި އެ މައްސަލާގައި ކޯޓުން ވަކި ގޮތެއް ނިންމަން ދެން އެ މަސައްކަތް ނުކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޖަމީލް ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ މައްސަލައަކީ މިހާރު ޝަރީއަތުގައި އޮތް މައްސަލައަކަށް ވުމާ އެކު އެ މައްސަލަ ނުނިމެނީސް އެ މަޝްރޫއުއާ ގުޅޭ ގޮތުން އެއްވެސް މަސައްކަތެއް ނުކުރުމަކީ ސަރުކާރުގެ ޕޮލިސީ ކަމަށާއި ޝަރުއީ މަރުހަލާ އިން ނިމޭ ކޮންމެ ގޮތަކަށް ވެސް އެ މައްސަލާގައި ސަރުކާރުން އަމަލުކުރާނެ ކަމަށެވެ.
"ވަރަށް ގިނަ ފަރާތްތަކުން ގަބޫލުކުރި އިމިގުރޭޝަނުގެ ހުރި މައްސަލަތަކާ ގުޅިގެން ސަރުކާރަކުން އިތުރަކަށް އެކަމާ ދޭތެރޭގައި އަޅާނެ ފިޔަވަޅުތަކެއް ނޯންނާނެއޭ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ބަދަލުވެގެން ދިޔަ ދިއުމަކީ ވެސް އެފަދަ ކަންތައްތަކުގައި އިތުރު ވިސްނުންތަކެއް ގެންގުޅޭނެ، ރައްޔިތުންގެ ތެރޭގައި ހުރި ކެކުޅުންތަކާއި އިހުސާސްތަކަށް އީޖާބީ ގޮތުގައި ޖަވާބު ދެވޭނެ ފުރިހަމަ މިސާލެއް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ދާހިލީ ވަޒީރު އަދި ވިދާޅުވީ އިމިގްރޭޝަނަށް އޭސީސީގެ މުވައްޒަފުން ވަދެ އެތަނުގައި ހުރި ލެޕްޓޮޕްތަކެއްގެ ތަހުގީގަށް ހޯދަން އުޅުމުން، އެ މަސައްކަތުގައި އުޅުނު އޭސީސީގެ މުވައްޒަފުން އެތަނުގެ ތެރޭގައި ބަންދުކުރި މައްސަލާގައި ވެސް އެ ފަރާތްތައް އެތަނުން ނެރުމަށް ފުލުހުން ވަރަށް އަވަހަށް މަސައްކަތްކުރި ކަމަށާއި އަދި ވެސް އޭސީސީން އެދިފައިވާ ކަންކަމުގައި ފުލުހުންގެ އެހީތެކަން ލިބޭނެ ކަމަށެވެ.
ތިރީސް ނުވަ މިލިއަން ޑޮލަރު (600 މިލިއަން ރުފިޔާ)ގެ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް ސަރުކާރަށް މަޖުބޫރުވީ އެ ޕްރޮޖެކްޓް ބިޑް ކުރި އިރު ހިމަނަން ޖެހޭނެ ކަމަށް ބުނެފައިވާ ބައެއް ބައިތައް، ޕްރޮޖެކްޓް ނެކްސް ބިޒަށް އެވޯޑް ކުރި އިރު ހިމެނިފައި ނެތް ކަމަށް ބުނެ އޭސީސީން އެ މައްސަލައިގައި ކޯޓަށް ދިޔުމުންނެވެ.
އެ މައްސަލަ ބޮޑުވެ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ވެސް އޭރުގެ ކޮންޓްރޯލްގެ މަގާމުގައި ހުންނެވި އިލްޔާސް ހުސެއިން ވަނީ އެ މަގާމުން ދުރުކޮށްފަ އެވެ. ނަމަވެސް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަލުން އެ މަގާމަށް އިލްޔާސް ގެންނެވުމާ އެކު އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދިއުމުގައި ފެންމަތިވި ލެޕްޓޮޕްތަކެއްގެ މައްސަލާގައި އަނެއްކާ މިދިޔަ ހަފްތާގެ ތެރޭގައި އިލްޔާސް ވަނީ ކޮންޓްރޯލަރުގެ މަގާމުން ދުރުކޮށް ޑިފެންސް މިނިސްޓްރީ އަށް ބަދަލުކޮށްފަ އެވެ.