08 Jan 2024, 00:33
ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ރަސްމީ ދައުވަތުފުޅަކަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ ފުރަތަމަ ރަސްމީ ފުރަމާނަ ދަތުރުފުޅުގައި މިރޭ ޗައިނާއަށް ފުރައިވަޑައިގެންފިއެވެ.
އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ހަމައެއާއެކު ކެބިނެޓް މިނިސްޓަރުންނާއި، ރައީސް އޮފީހުގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ވެސް މި ރަސްމީ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރާނެއެވެ.
ރައީސް ޑރ. މުއިއްޒު ޗައިނާއަށް ފުރައިވަޑައިގަތުމަށް އެއާޕޯޓުގައި -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މޫސާ ނަދީމް
އޭގެ ތެރޭގައި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުން ވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިިކުރާނެއެވެ.
ހަމައެއާއެކު ފޫޖޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ބައިވެރިވެވަޑައިގެން، ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިގްތިޞާދީ ގޮތުން ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ފަސް ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވައިލައްވާނީ މި މަހުގެ 12ވަނަ ދުވަހެވެ.
ބެލެވޭ ގޮތުގައި މި ދަތުރުފުޅުގައި މުހިންމު މަޝްވަރާތަކާއި ނިންމުންތައް ނިންމާނެއެވެ.
ރައީސް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންވާއިރު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް މިދިޔަ މަހު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެއީ، އެ ގައުމުގައި ކުރިއަށްދާ 'ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން'ގައި ބައިވެރިވެވަޑައިގަތުމަށެވެ.