08 Jan 2024, 11:11
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށްދޭ ހަމަލާތަކުގައި ދުވާލަކު 10 ކުދިންނަށްވުރެ ގިނަ ކުދިންގެ އެއް ފައި ނުވަތަ ދެ ފަޔަށް އަނިޔާވެ ބޭނުންނުކުރެވޭ ވަރުވާކަމަށް އިނގިރޭސިވިލާތުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ، ސޭވް ދަ ޗިލްޑްރެން އިން ބުނެފިއެވެ.
ހަނގުރާމައަށް ތިން މަސް ދުވަސް ހޭދަވެފައިވާއިރު، 1،000 އަށްވުރެ ގިނަ ކުދިންގެ އެއްފައި ނުވަތަ ދެފައި ވެސް ބުރިކޮށްލަން ޖެހިފައިވާކަމަށް ޔުނިސެފުން ބުނެއެވެ.
އެގޮތަށް ކޮށްފައިވާ ގިނަ އޮޕަރޭޝަންތައް ކޮށްފައިވަނީ އައްސި ވެސް ނުކޮށް ކަމަށާއި ޣައްޒާގެ ސިއްހީ ނިޒާމް މިހާރު އޮތީ އެއްކޮށް ރޫޅިފައި ކަމަށް ވެސް ޔުނިސެފުން ހާމަކުރެއެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަމުގެ އިތުރުން ހޭނައްތަން ބޭނުންކުރާ ބޭހައި އެންޓިބަޔޮޓިކް ފަދަ މުހިންމު ބޭސްތައް ލިބުން ވެސް ވަނީ ދަތިވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގައި ހުރި 36 ހޮސްޕިޓަލުގެ ތެރެއިން މި ވަގުތު ޚިދުމަތްދެވޭ ހާލަތުގައި ހުރީ އެންމެ 13 ހޮސްޕިޓަލެވެ.
އެ ހޮސްޕިޓަލްތަކުން ވެސް ޚިދުމަތް ދެވެނީ ތެލާއި ބޭސް ފަރުވާއަށް ބޭނުންވާ އަސާސީ ސިއްހީ ސާމާނު ލިބޭ މިންވަރަކުންނެވެ.
ޣައްޒާގެ ދެކުނުގައި ހުރި ހޮސްޕިޓަލްތަކުގެ ތެރެއިން ނުވަ ހޮސްޕިޓަލަކުން ބައެއް ޚިދުމަތްތައް ފޯރުކޮށްދެމުން އަންނައިރު، އެ ހޮސްޕިޓަލްތައް ވެސް މަސައްކަތްކުރަމުން އަންނަނީ ހޮސްޕިޓަލްތަކަށް އަސްލު ޚިދުމަތްދެވޭ މިންވަރުގެ ތިން ގުނަ އިތުރަށް ކަމަށް ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.
ހަނގުރާމައިގައި މިހާތަނަށް ޣައްޒާގެ 22،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާއިރު، 57،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލައިފައެވެ.
އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.