27 May 2012, 15:34
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާސްއަށް ރިސޯޓެއް ތަރައްގީ ކުރަން ދީފައިވާ ކ. ކުޑަރަށުގެ ކުލި ނުދެއްކުމުން އެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައުވާ ކުރުމުގެ ބާރު ލިބިގެން ނުވާކަމަށް ބުނެ ޔޮޓް ޓުއާސް އިން ނެގި އިޖުރާއީ ނުކުތާއާއަށް ދެން ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައި ގޮތެއް ނިންމާނެކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަދީބު ވިދާޅުވީ ކުޑަރަށުގެ ކުލި ނުދެއްކުމުން އެ ފައިސާ ހޯދަން މީރާއަށް ދައުވާ ކުރުމުގެ ބާރު ލިބިގެން ނުވާކަމަށް ބުނެ ޔޮޓް ޓުއާސް، ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ނެގި އިޖުރާއީ ނުކުތާއާމެދު ދެ ފަރާތުގެ ބަޔާންތަކަށް ރިއާޔަތްކޮަށް ދެން އޮންނަ މަޖިލީހެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
ޔޮޓް ޓުއާސްގެ މައްޗަށް މީރާއިން ދައުވާކުރަނީ ކަނޑައެޅިފައިވާ ތާރީހަށް ކުޑަރަށުގެ ލީސް ރެންޓު ދައްކާފައި ނުވާތީ ޖޫރިމަނާއާއެކު ޖުމްލަ ދައްކަންޖެހޭ 187،693.69 ޑޮލަރު އެއްފަހަރާ ހޯދާށެވެ.
މީރާއިން ދައުވާ ކޮށްފައި ވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް ޔޮޓް ޓްއާސް އިން ނެގި އިޖުރާއީ ނުކުތާގައި ބުނަނީ މިރާއިން އެ ދައުވާ ކޮށްފައި ވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކަމަށްވާތީ އެ ދައުވާ ކުރުމުގެ ބާރު މީރާއަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެ މައްސަލައާ އެއްގޮތް މައްސަލައެއްގައި މީރާއަށް ދައުވާ ކުރުމުގެ ހައްގު ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން މީގެ ކުރިން ހުކުމް ކޮށްފައިވާ ކަމަށެވެ.