27 May 2012, 15:18
އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާގެ ކެނޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ބާއްވާ ރިޔާސީ ޕްރައިމަރީ ބާއްވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމް ކައުންސިލް މެންބަރު އަހުމަދު ނިމާލު މިއަދު ވިދާޅުވީ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ބާއްވަން ނިންމައިވީ ނަމަވެސް، ޕްރައިމަރީ އޮންނާނެ ތާރީހު ކަނޑައަޅާނީ ޕާޓީގެ ކޮންގްރެސް އިން ހޮވާ ދާއިމީ ކައުންސިލުން ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރުމަށްޓަކައި މިހާރު ވެސް ޕާޓީއާ ގުޅިވަޑައިގެން އަންނަ އަހަރުގެ ފެބްރުއަރީގައި ބާއްވާ އިންތިހާބުގައި ބައިވެރިވެ، ޕާޓީގެ ކެނޑިޑޭޓަކަށް ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެސް ނިމާލު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕްރައިމަރީ އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީގައި. އެހެންވީމަ އޭގެ ކުރިން ކޮންމެ ބޭފުޅަކަށް ވެސް ފުރުސަތު އެބައޮތް. އެ ޕްލެޓްފޯމަށް ވާދަ ކުރެއްވުމަށް،" ނިމާލު ވިދާޅުވި އެވެ.
ޕާޓީގެ ގުޅިވަޑައިގަންނަވާ ބޭފުޅަކަށް ވެސް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް ވެވިދާނެ ކަމަށް ނިމާލު ވިދާޅުވިއިރު، އެ ޕާޓީގެ ކެނޑިޑޭޓަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނުކުމެވަޑައިގެންފާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި ރައީސް ވަހީދު ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވަނީ އެދިވަޑައިގެންފަ އެވެ.
ނަމަވެސް ރައީސް ވަހީދު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާމެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.